ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 05 އަށް އަރައިފި އެވެ.
މިރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގެ ފަރާތުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ ރޭގެ ވަގުތެއްގައި މާލޭ މަގުމަތީގައި ހޭނެތިފައި އޮތް ބަންގްލަދޭޝް މީހަކު ފެނިގެން އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށާއި، އޭނާ އޮތީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި ކަމަށެވެ.
މަބްރޫކް ވިދާޅުވީ، އެ މީހާއާއި ގުޅުންހުރި ހަތަރު މީހަކު ކަރަންޓީނު ކުރެވިފައިވާ ކަމަށާއި، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.
އެއީ ދިވެއްސެއްގެ ގާތުގައި މަސައްކަތްކުރާ މީހެއް ކަމަށް މައުލޫމާތު ލިބިލައްވާފައިވާކަމަށާއި އެމީހާ އަކީ ހިތުގެ ބަލީގެ މީހެއް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މަރު ވި މީހާގެ ޢުމުރަކީ 46 އަހަރެވެ. ބޭރުފުށުން ކޮވިޑް 19 ގެ އެއްވެސް ޢަލާމާތެއް އޭނާގެ ކިބައިން މަރުވުމާ ހަމަޔަށް ފެނިފައި ނެތްކަމަށް އެންއީއޯސީގެ ހޯދުންތަކުން އެނގުނުއިރު ނެގި ޓެސްޓުތަކުން އޭނާ ވަނީ ކޮވިޑަށް ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ރޭ 10:00ޖެހިއިރު ފަރީދީމަގުގައި ހުރި ތަނެއްގައި ބިދޭސީ މީހާ އުޅުނު ކަމަށާއި އޭނާ ދިރިއުޅެނީ އިތުރު ބަންގްލަދޭޝްގެ މީހުންނާއެކު ކަމުގައިވިޔަސް އޭނާ އަކީ ތޮއްޖިގެން ބިދޭސީން އުޅޭ ތަނެއްގައި ދިރިއުޅެމުން އައި މީހެއް ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ.