އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލް ޒުވާން ފޯވާޑް ޔާއޯ ފެލިކްސް އަށް އަނެއްކާ ވެސް އަނިޔާގެ މައްސަލައަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އުމުރުން 20 އަހަރުގެ ފެލިކްސްގެ ވާތުފައިގެ ކަކުލަށް އަނިޔާވީ ޕްރެކްޓިހުގައެވެ. އެތުލެޓިކޯގެ މެޑިކަލް ޓީމުން ހެދި ޓެސްޓުތަކަށްފަހު އަނިޔާ ސީރިއަސް ނޫން ނަމަވެސް ކުރިއަށް އޮތް ތިން ހަފްތާ އަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި ސްޕެނިޝް ލަލީގާ ފެށުމަށް ވެސް ކުރިއަށް ތިން ހަފްތާ ވަރު އޮތުމުން މި އަނިޔާގެ ސަބަބުން ފެލިކްސް އަށް އެތުލެޓިކޯގެ މެޗެއް ގެއްލޭނެކަމަށް ނުބެލެވެއެވެ.
މިއީ މިދިޔަ އަހަރުގެ ޖުލައި މަހު ރެކޯޑް އަދަދެއްކަމަށްވާ 126 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް އެތުލެޓިކޯ އަށް ބަދަލުވިފަހުން ފެލިކްސް އަށް އަނިޔާވި ތިން ވަނަ ފަހަރެވެ. އެގޮތުން، ފައިގެ ކުޑަހުޅަށާއި ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން މީގެކުރިން 10 މެޗެއް ވަނީ ގެއްލިފައެވެ.
ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން މިދިޔަ މާރިޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސްޕެނިޝް ލަލީގާ މެޗުތައް މެދުކަނޑާލިއިރު، ތާވަލްގެ އެއްވަނައިގައި އުޅެނީ ބާސެލޯނާ އެވެ. އެ ޓީމަށް 27 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. ތިންވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އާއި ފަސްވަނައިގައި އޮތް ގެޓަފޭ އަށް ލިބިފައިވަނީ 46 ޕޮއިންޓެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން އެތުލެޓިކޯ އޮތީ ހަވަނައިގައެވެ.
އަނިޔާގެ މައްސަލަތަކާ ހުރެ އެތުލެޓިކޯގައި ފެލިކްސް އަށް އެންމެ މޮޅު ކުޅުން ދެއްކިފައިނުވާއިރު، މިހާތަނަށް އައިއިރު އެ ޓީމަށް ކުޅެދިން 28 މެޗުގައި ޖެހުނީ އެންމެ ހަ ގޯލެވެ. އަދި ފަހަކަށް އައިސް ލީގުގައި އެ ޓީމުގެ ފޯމް ދަށްވުމުގެ ނަތީޖާއެއްގެ ގޮތުން ވަނީ ހަވަނައަށް ވެއްޓިފައެވެ. އެހެންނަމަވެސް، އެތުލެޓިކޯ އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު ފެލިކްސް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ދާދިފަހުން ފެލިކްސް ވަނީ އެތުލެޓިކޯ އާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބޭނުންވާކަމަށް ވެސް ބުނެފައެވެ.