English Edition
Dhivehi Edition
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) -

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓިންގ އާއި ރީބްރޯޑްކާސްޓިންގ އަދި ފްރީކުއެންސީ ލައިސަންސްގެ އަހަރީ ފީ ދެއްކުމުގެ ސުންގަޑި އިތުރުކޮށްފި އެވެ.

ބްރޯޑްކޮމް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މީގެ ކުރިން އެ ފީތައް އެ ކޮމިޝަނަށް ދައްކަންޖެހޭ ސުންގަޑި އަކީ ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، އެހެންނަމަވެސް ކޮވިޑް-19 އާ ގުޅިގެން އިޢުލާނު ކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި، މި ދުވަސްކޮޅު އަޅާފައިވާ އެކި ފިޔަވަޅުތަކުގެ ސަބަބުން، ލައިސަންސް ލިބިފައިވާ ފަރާތްތަކުން 2020 ވަނަ އަހަރުގެ އަހަރީ ފީ ދެއްކުމުގެ ސުންގަޑި މެއި 31ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން، މާލެ ސިޓީ ފުރަބަންދުކޮށްފައިވާ މުއްދަތު މެއި މަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފައިވުމުގެ ސަބަބުން ދައުލަތުގެ އިދާރާތައް އިތުރަށް ބަންދުކުރަން ޖެހިފައިވުމާއެކު، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ދައްކަންޖެހޭ 2020 ވަނަ އަހަރުގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށް، އެ ފީތައް ޖޫރިމަނާއަކާނުލައި ބަލައިގަތުމަށް މިހާރު ހަމަޖައްސާފައިވާ އެންމެ ފަހުގެ ތާރީޚަކީ 30 ޖޫން 2020 ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އަދި މިހާރު ކުރިމަތި ވެފައިވާ މި ޙާލަތާ ގުޅިގެން ދެންނެވުނު ސުންގަޑިއަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެ ކަން އަލުން އިޢުލާނުކުރެވޭނެ ކަމަށްވެސް ބްރޯޑްކޮމް އިން ބުނެއެވެ.