English Edition
Dhivehi Edition
20 ފެބުރުވަރީ 2023 - ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ފަރާތްރަކާ އިންޓަވިއު ކުރުން - ފޮޓޯ: މަޖިލިސް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ތިން ފަރާތަކަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ރުހުންދީފިއެވެ.

މިގޮތުން އެ ކޮމިޓީން ވަނީ ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކޮށްފައެވެ. އޭގެތެރެއިން އެ ކޮމިޓީން ރުހުން ދީފައިވަނީ ރިވޯޑް/ހއ. ހޯރަފުށި، އައިމިނަތު ނުޒުހާއާއި، ވ. ރޯޝަން، ޙުސައިން އަމްރު އަދި މުޝްތަރީގެ/ގދ. ތިނަދޫ، މަރިޔަމް ނަރީމާން ޝަރީފަށެވެ.

މި ފަރާތްތަކުގެ ތެރެއިން ބްރޯޑްކޮމްގެ މެންބަރުކަމަށް ޢައްޔަނުކުރާނީ ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓުން އެންމެ ގިނަ ވޯޓު ލިބޭ ފަރާތެކެވެ.

މިހާރު އެ ކޮމިޝަނުގައި ތިއްބަވަނީ ހަ ބޭފުޅުންނެވެ. އެއީ މަރިޔަމް ވަހީދާއާއި އަމްޖަދު ވަހީދާއި ޢަލީ ޔޫސުފާއި އާމިނަތު އަމީނާއާއި މުޙައްމަދު ފަޒީން އަދި ޝިފްލާ އިބްރާހީމެވެ.