English Edition
Dhivehi Edition
ބްރޯޑްކޮމްގެ މެންބަރ ޞަފާ ޝަފީޤު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ދ. މީދޫ، ބިއްލޫރިވިލާ، ޞަފާ ޝަފީގު ޢައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބްރޯޑްކޮމްގެ މެންބަރު ކަމަށް ސަފާ ޝަފީގު އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 40 މެންބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވާއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވި އެވެ.

ބްރޯޑްކޮމްއަށް ޢައްޔަން ކުރުމަށް ކޮމިޓީން ފާސްކޮށްފައިވާ ޝިހާމް މުޙައްމަދު އައްޔަންކުރުމާމެދު ގޮތެއް ނިންމުމަށް މިއަދު ނެގި ވޯޓުގައި، ފެންނަ ކަމަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ. ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި އެވެ.

މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ ދެބޭފުޅެއްގެ ނަމެވެ. ކޮމިޓީން މި ގޮތަށް ފާސްކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް ފަހު އެ ބޭފުޅުންނަށް ގާނޫނު އެނގިވަޑައިގަންނަވާ މިންވަރު ޓެސްޓު ކުރުމުގެ އިތުރުން އިންޓަވިއު ކުރުމަށް ފަހުއެވެ.

ކޮމިޓީން އެ ދެ ބޭފުޅުންގެ ނަން ފާސްކޮށްފައިވަނީ އެ ވަގުތު ކޮމިޓީގައި ތިއްބެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ. ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަން ކުރުމަށް ނަން ފޮނުއްވާފައިވަނީ އެކޮމިޝަންގެ މެމްބަރު އަމްޖަދު އިބްރާހީމްގެ މެމްބަރު ކަމުގެ މުއްދަތު މާރޗް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާތީ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި އައިމިނަތު އަމީނާއާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމް ގެ އިތުރުން އަމްޖަދު ވަހީދެވެ.