English Edition
Dhivehi Edition
ސްޕެއިނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް. --ފޮޓޯ: އޭޕީ

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ ސްޕެނިޝް ލަލީގާގެ މެޗުތައް އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިއުމުގެ ހުއްދަ ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސްޕެއިނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ގައުމުގައި މިހާރު މެދުކަނޑާލެވިފައިވާ ހުރިހާ ހަރަކާތްތަކެއް ވެސް ކުރިއަށްއޮތް ދުވަސްތަކުގައި ބޭއްވުމުގައި އެއްވެސް ހުރަހެއް ނެތްކަމަށާއި، އެގޮތުން ސްޕެނިޝް ލީގުގެ މެޗުތައް ވެސް ސަޕޯޓަރުން ދަނޑަށް ނުވައްދައި ކުރިއަށް ގެންދެވޭނެކަމަށް ވިދާޅުވެފައެވެ.

“ސްޕެއިނުން މިދަނީ މި ގައުމު އާއްމު ހާލަތަށް ގެނައުމަށްޓަކައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަޑު މަޑުން ލުއިދޭން ނިންމާފައި.” ސަންޗޭޒް ވިދާޅުވިއެވެ.

“އެގޮތުން، ކުރިއަށްއޮތް ޖޫން މަހުގެ 8 ވަނަ ދުވަހުން ފެށިގެން ސްޕެނިޝް ލީގު ފެށިގެންދާނެ، އެހެނިހެން ކުޅިވަރު ހަރަކާތްތައް ވެސް ކުރިއަށްގެންދިއުމުގެ ހުއްދަ ލިބިގެންދާނެ.” ސަންޗޭޒް ވިދާޅުވިއެވެ.

މިހާރު މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާ ގުޅިގެން ސްޕެއިނުގެ ފުޓްބޯޅަ ސީޒަން ހުއްޓާލީ މިދިޔަ މާރިޗް މަހުގެ 12 ވަނަ ދުވަހުއެވެ. ދާދިފަހުން ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު ފުޓްބޯޅަ ސީޒަނުގެ މެޗުތައް ފެއްޓޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށާއި، ފުރަތަމަ މެޗުގެ ގޮތުގައި ސެވިއްޔާއާ ދެކޮޅަށް ރެއާލް ބެޓިސް ކުޅޭ ޑާބީ ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. ޓެބާސް އިތުރަށް ވިދާޅުވީ ހުރިހާ މެޗެއް ވެސް ކުރިއަށްދާނީ ސަޕޯޓަރުން ނުވައްދާ ކަމަށާއި ދަނޑުގެ މާހައުލު ފޯރިގަދަކުރަން ކުރެވިދާނެ ކަންކަމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ.

ސްޕެނިޝް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗެއްގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

ސްޕެއިނުގެ ސަރުކާރުން ފުޓްބޯޅަ ސީޒަން ކުރިއަށް އޮތް ޖޫން މަހުގައި ފެށުމަށް ރުހުން ދިނުމާއި ގުޅިގެން ލަލީގާގެ ރައީސް ޓެބާސް ވަނީ އެކަމާ އުފާވާ ކަމަށާއި، މިކަން ކާމިޔާބުވީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގައި ފަރުވާ ކުޑަކުރެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

“ސަރުކާރުގެ ނިންމުމާއެކު އަހަރެމެން މިތިބީ ވަރަށް އުފަލުން. މި ކަންތައް ކާމިޔާބުވީ، ކުލަބުތަކާ ކުޅުންތެރިންނާއި އަދި ކޯޗުންނާއި، ސީއެސްޑީ އަދި އޭޖެންޓުންގެ އިތުރުން ގިނަ ބައެއްގެ ބުރަ މަސައްކަތުން،”

“އެހެންނަމަވެސް، މިކަމުގައި ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަންވާނީ.” ޓެބާސް ވިދާޅުވިއެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ ކޮވިޑް-19 ގެ ސަބަބުން ދެން ކުރިއަށްގެންދެވޭނެ މާހައުލެއް ނެތުމުން ފުޓްބޯޅަ ސީޒަން ކެންސަލްކޮށްފަ އެވެ. އެ ގޮތަށް ނިންމަން ޖެހުނީ ފުޓްބޯޅަ ސީޒަން ކުރިއަށްގެންދަން ސަރުކާރުގެ ރުހުން ނުލިބިގެންނެވެ. ޖަރުމަނު ލީގަކީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން އެންމެ އަވަހަށް ފަށާފައިވާ ލީގެވެ. އިޓަލިއަން ސެރިއޭގެ މެޗުތައް އަންނަ ޖޫން މަހުގެ 13 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، އިނގިރޭސި ލީގުގެ މެޗުތައް ވެސް އަންނަ މަހު ފެށުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ސްޕެއިނުގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އެ ގައުމުގެ ދެ ޑިވިޝަނުގެ ހުރިހާ ކްލަބުތަކެއްގެ ކުޅުންތެރިން ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށްފައެވެ. އަދި އެއަށްފަހު ވަކިވަކިން ގްރޫޕް ޓްރޭނިންތައް މިހާރު ވަނީ ފަށާފައެވެ.