ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތްދޭ ކުންފުނި ކަމަށްވާ ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން މުޖުތަމަޢަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކޮށްދެމުންނެވެ.
އެގޮތުން، ދިރާގުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޮ ޓްރެވަލް އެޖަންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އާއި ނެޝެނަލް ބޯޓިންޖ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ރަމަޟާން މަސް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ފެށި އެ ޕްރޮގުރާމު، ރަމަޟާންމަހުގެ އިތުރުން ފިތުރު ޢީދާއި ޝައްވާލްމަހުގެ ފުރަތަމަ 6 ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.
ދިރާގުން ބުނީ މަޓާޓޯ އާއި އެންބީއޭއެމް އިން ފެށި އެ ޕްރޮގުރާމު ބަލައިގަނެ، އެކަމަށް އެއްބާރުލުންދޭން ނިންމި ސަބަބަކީ މި ދަނޑިވަޅުގައި އެއީ އިންސާނިއްޔަތަށްޓަކާ ކޮށްދޭ ނުހަނު އަގުހުރި މަސައްކަތައްކަށްވާތީ ކަމަށެވެ.
އެ ޕްރޮގުރާމްގެ ދަށުން ކަރަންޓީން އަދި ލޮކްޑައުންގެ ސަބަބުން މާލެ އަދި ހުޅުމާލޭގައި ވަގުތީ ހިޔާތަކުގައި ތިބި ދިވެހިންނާއި ބިދޭސީންނަށް ކާބޯތަކެތީގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. އެ ފަރާތްތައް މިހާރު ދިރިއުޅެމުންދަނީ މާލެ އަދި ހުޅުމާލޭގައި ސަރުކާރުން ހަމަޖައްސާފައިވާ ވަގުތީ ހިޔާތަކުގައިއެވެ. މިއަދާ ހަމައަށް އެ ޕްރޮގުރާމްގެ ދަށުން 25000 އެއްހާ “މީލް ޕެކޭޖް” ވަނީ ހަދިޔާކޮށްފައެވެ.
ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ސަރުކާތުގެ އިދާރާތަކާއި، އެންޖީއޯ ތަކަށާއި މުޅި މުޖުތަމައަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ދިރާގުން ކުރިއަށްގެންދާ ކަންތައްތަކުގެ އިތުރު މައުލޫމާތު މި ލިންކުން ލިބިވަޑައިގަންނަވާނެ އެވެ.