English Edition
Dhivehi Edition
ދިރާގު އަހަރީ ޙަފްލާ 2024 /ފޮޓޯ ދިރާގު

ދިރާގުން އެކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ބާއްވާފިއެވެ. މިއީ މުވައްޒަފުން ކުންފުންޏަށް ހޯދައިދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އެކުންފުނިން ބާއްވާ އިވެންޓެކެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ހުކުރު ދުވަހުގެރޭ ބޭއްވި މިޙަފްލާ ޝަރަފުވެރި ކޮށްދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ ޗީފް އެގްޒެކްޓިވް، އިލްޔާސް އަހްމަދެވެ. މީގެ އިތުރުން މި ޙަފްލާގައި ދިރާގުގެ ޑިރެކްޓަރުންގެ ބޯޑް މެމްބަރުންނާއި، ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު އާއި ދިރާގުގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހަފްލާގައި އެކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ 79 މުވައްޒަފުންގެ އަގުވަޒަންކޮށް އެބޭފުޅުންނަށް އެވޯޑް ދީފައިވެއެވެ. އެގޮތުން ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ޚިދުމަތްކޮށްދީފައިވާ 45 މުވައްޒަފަކަށް އެވޯޑް އެރުވުން އޮތެވެ. އަދި ވޭތުވެދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 34 މުވައްޒަފުންނަށްވެސް ވަނީ އެވޯޑް ހަވާލުކުރެވިފައެވެ. އޭގެ ތެރޭގައި 15 ޑިވިޝަނަލް މެރިޓް އެވޯޑް، 11 ސްޕެޝަލް މެރިޓް އެވޯޑް، 5 އިނޮވޭޝަން އެވޯޑް އަދި 2 އައުޓްސްޓޭންޑިންގ ލީޑާސް އެވޯޑް ހިމެނެއެވެ.

ރޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޗެއާމަންގެ އެވޯޑް ލިބިފައިވަނީ ދިރާގުގެ އިންޖިނިއަރ ކޯ ސިސްޓަމްސް، އިސްމާއިލް ސަމާހަށެވެ. ސަމާހުގެ ފަންނީ ތަޖުރިބާ އާއި ބުރަ މަސައްކަތުގެ އަލީގައި ދިރާގުގެ މައި ސިސްޓަމް ޕްރޮޖެކްޓްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަމަށް ދިރާގުން ފާހަގް ކުރެއެވެ.

ދިރާގުން އަބަދުވެސް ދަނީ އެކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.

ޓެގު