English Edition
Dhivehi Edition
ދިރާގާއި ސްޕާކްހަބްއިން ބޭއްވި 'ލީން ސްޓާޓްއަޕް' ހަރަކާތެއް -- ފޮޓޯ/ ދިރާގު

އަލަށް ފިޔަފާރިފަށަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އައްޑޫގައި ސްޓާޓްއަޕް ތަމްރީން ކޭމްޕެއް ބާއްވަން ހަމަޖައްސައިފިއެވެ.

ދިރާގާއި ސްޕާކް ހަބް ގުޅިގެން “ލީން ސްޓާޓްއަޕް މޯލްޑިވްސް”ގެ ނަމުގައި ހިންގާ މިކޭމްޕް އޮންނާނީ މިހިނގާ ޖުލައި މަހުގެ 19 އިން 21 އަށް އައްޑޫ އީކުއޭޓަރ ވިލެޖްގައެވެ. ލީން ސްޓާޓް އަޕް މޯލްޑިވްސް އަކީ ވިޔަފާރިތައް ފެށުމާއި ބިނާކުރުމަށް ބޭނުންވާ ފަރާތްތައް އެކަމަށް އަހުލުވެރިކޮށް ތަމްރީނުދިނުމަށް ބާއްވާ ކޭމްޕެކެވެ.

ބޫޓްކޭމްޕެއްގެ ގޮތުގައި ކުރިއަށްގެންދާ އެ ހަރަކާތަކީ ޒުވާނުންގެ މެދުގައި ވިޔަފާރިކުރުމުގެ ހުނަރު އަށަގަންނަވައި ވިޔަފާރީގައި އިސްރާފު މަދުކޮށް އެންމެ ފުރިހަމަ ގޮތެއްގައި ޚިދުމަތް ދެވޭނެ ގޮތްތައް ދަސްކޮށްދިނުމުގެ މަގްސަދުގައި ހިންގާ ހަރަކާތެކެވެ. މިއީ އައްޑޫގައި ލީން ސްޓާޓްއަޕް މޯލްޑިވްސް” ކޭމްޕު ބާއްވާ ފުރަތަމަ ފަހަރެވެ.

ސްޓާޓްއަޕް މޯލްޑިވްސްގެ ތެރެއިން ޕިޗްކުރުމާއި ޚިޔާލުތައް އުފެއްދުމުގެ ކުރިން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކާ ގުޅޭ ގޮތުން ބައިވެރިންނަށް ތަމްރީނުދީ އެކަމަށް ހައްލެއް ހޯދައިދޭނެއެވެ. އެ ބޫޓްކޭމްޕްގައި ދަސްކޮށްދެނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އާ ކުންފުނިތަކާއި އުފެއްދުންތައް ތަރައްގީ ކުރުމުގެ މަސައްކަތަށް އިންގިލާބެއް ގެންނަމުން އަންނަ މެތޮޑޮލޮޖީތައް ކަމަށާއި ވިޔަފާރިއެއް ތަރައްގީ ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އެންމެ މުހިންމު ކަންތައްތައް އެ ބޫޓްކޭމްޕުގައި ކިޔައިދޭނެ ކަމަށް ދިރާގުން މަޢުލޫމާތު ދެއްވައެވެ.

ދިރާގާއި ސްޕާކްހަބްގެ ޕާޓްނާޝިޕްގެ ދަށުން، ލޯކަލް ސްޓާޓްއަޕް ސަގާފަތް ކުރިއަރުވައި، ރާއްޖޭގައި ސްޓާޓްއަޕް އިކޯސިސްޓަމެއް ގާއިމުކުރުމަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދިރާގުން ސްޕާކް ހަބާއި ގުޅިގެން ކޮންމެ އަހަރަކު ވެސް ދަނީ މިފަދަ ބޫޓްކޭމްޕްތައް ބާއްވަމުންނެވެ.

އެ ބޫޓްކޭމްޕާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި ރަޖިސްޓާވުމަށް ސްޕާކްހަބްގެ ވެބްސައިޓު ބޭނުންކުރެވޭނެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީން ސްޓާޓަޕް ޕްރޮގްރާމް ބޭއްވީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ. “ލީން ސްޓާޓްއަޕް މެޝިން” ޕްރޮގްރާމްތަކަކީ ސްޓާޓްއަޕް ވިޔަފާރިތަކަށް އަމާޒުކޮށްގެން ދުނިޔޭގެ 150 ސަރަޙައްދެއްގައި ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ.