ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް އޮންލައިންކޮސް ލައިވް ކުރުމަށް ނިންމައި، ޝަރީޢަތްތައް މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ދުރުން ކުރިއަށް ގެންދިއުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު އާންމުކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ބުނީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތައް ކޯޓަށް ހާޒިރުކޮށްގެން ޝަރީޢަތް ކުރިއަށް ގެންދިއުމަކީ ޞިއްޙީގޮތުން އެންމެ ރައްކާތެރިގޮތް ނޫންކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައި ޝަރީޢަތުގެ މަޖިލީސްތަކާއި ބައްދަލުވުންތައް ޢާންމުގޮތެއްގައި ކުރިއަށް ގެންދާނީ Teams Microsoft ނުވަތަ ޓެލެފޯނު ނުވަތަ އެނޫންވެސް ޓެލެކޮންފަރެންސިންގ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކަމަށެވެ.
މީގެ އިތުރުން ދުރުން ކުރިއަށްގެންދާ ޝަރީޢަތެއްގެ ގޮތުގައި އަޑުއެހުންތައް ކުރިއަށް ގެންދާއިރު ޚަޞްމުން ތިބެންވާނީ ކޯޓުގެ ޙުރުމަތާ އެއްގޮތްވާ ހެދުމެއްގައި ކަމަށާއި، ވަކީލުން ތިބެންވާނީ ސޫޓުގައި ކަމަށްވާއިރު، މައްސަލަ ބަލާ ފަނޑިޔާރުން ތިބޭނީ ގައުނުގައި ކަމަށްވެސް އެ ޤަވާއިދުގައި ބުނެފައި ވެއެވެ.
އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ފިޔަވައި، ސުޕްރީމް ކޯޓުގައި ހިނގަމުންދާ ޝަރީޢަތުގެ އަޑުއެހުންތައް ޓްވިޓަރ ނުވަތަ ޔޫޓިއުބު މެދުވެރިކޮށް ލައިވްކުރެވޭނެ ކަމަށްވެސް ޤަވާއިދުގައި ވެއެވެ.
އެ ޤަވާއިދުގައި އިތުރަށް ބުނެފައިވާ ގޮތުން ދުރުން ކުރިއަށްގެންދާ ޝަރީޢަތުގެ މަޖިލީހަށް ލޮގިން ވުމަށް ބޭނުން ވާ ލިންކާއި ޔޫޒަރނޭމް އަދި ޕާސްވޯޑް މައްސަލަ ތާވަލުކުރެވިފައިވާ ގަޑީގެ އެއް ގަޑިއިރު ކުރިން ޚަޞްމުންނަށް އީ-މެއިލް ނުވަތަ ފޯނު މެދުވެރިކޮށް ފޮނުވޭނެއެވެ. ޝަރީޢަތުގެ މަޖިލީހަށް ލޮގިން ވުމާއެކު އެ ފަރާތެއްގެ ނަމާއި އައިޑީކާޑްގެ މަޢުލޫމާތު ޙިއްޞާކޮށްދިނުމަށް ކޯޓުން އެދުމުން އެ މަޢުލޫމާތު ޙިއްޞާކުރަންވާނެއެވެ. އަދި މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުން އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދެއްކުމުގެ ފުރުޞަތު ދެވޭނީ ޚަޞްމަށް ނުވަތަ އެ ފަރާތުގެ ޤާނޫނީ ވަކީލަށް ނުވަތަ ބަދަލު ހަމަޖައްސާފައިވާ ފަރާތަށް ކަމަށާއި، މިގޮތުން، ފަރާތަކަށްވެސް ފުރަތަމަ ދެވޭނީ 10 މިނިޓްގެ ފުރުސަތެއް ކަމަށްވެސް ޤަވާއިދުގައި ބަޔާންކޮށްފައި ވެއެވެ. އެއަށްފަހު ފަނޑިޔާރުން ކަނޑައަޅާ ގޮތެއްގެމަތީން ފުރުސަތު ދެވޭނެއެވެ.
މި ޤަވާއިދަށް ޢަމަލުކުރަން ފަށާނީ އަންނަ ޖޫން މަހުގެ 01 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން ޢާންމުކޮށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސުޕްރީމް ކޯޓުގައި މައްސަލަތައް އިސްތިއުނާފު ކުރުމުގެ މުއްދަތުވެސް ގުނަން ފެށޭނެއެވެ.