English Edition
Dhivehi Edition
އީރާނުގެ ހެލްތު މިނިސްޓަރު ސައީދު ނަމާކީ. --ފޮޓޯ: ރޮއިޓާސް

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އީރާނަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެފައިވީނަމަވެސް، މިހާރު ގުދު ފަތިކުރެވިއްޖެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ސައީދު ނަމާކީ ވިދާޅުވެއްޖެއެވެ.

އީރާނުގައި މިހާރު ބަލިޖެހޭ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށް ނަމާކީ ވިދާޅުވެފައިވަނީ ވީޑިއޯ މެދުވެރިކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިިއްޔާ، ޑަބްލިއުއެޗްއޯ އިން ބޭއްވި 73 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“އަހަރެމެންގެ ގައުމަށް މި ބަލިމަޑުކަމާ ގުޅިގެން ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވި. އެހެންނަމަވެސް، މިހާރު ގުދު ފަތިކުރެވިއްޖެ.”

“މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އެއްބައިވަންތަކަމާއެކު ދުނިޔޭގެ ހުރިހާ ގައުމަކުން މަސައްކަތް ކުރަންޖެހޭ ކަމަށް އަހަރެން ގަބޫލުކުރަން. އެގޮތުން، މި ބައްޔަށް ފަރުވާ ދިނުމުގައި ބޭހައި ވެކްސިން ހޯދުމުގައި ވެސް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ.” ނަމާކީ ވިދާޅުވިއެވެ.

ނަމާކީ އިތުރަށް ވިދާޅުވީ، މި ހިނގާ 2020 ވަނަ އަހަރަކީ ނަރުހުންނާއި ފޫޅުމައިންނަށް ހާއްސަ އަހަރެއް ކަމަށާއި، ކޮވިޑް-19 އަށް ފަރުވާދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ހުރިހާ ސިއްހީ ހިދުމަތްތެރިންނަށް ވެސް ޝުކުރާއި، ހެޔޮ އެދުމާއި ތަހުނިޔާ ހައްގު ކަމަށެވެ.

އީރާނުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 122،492 އަށް އަރާފައިވާއިރު، 7،057 މީހުން ވަނީ މަރުވެފައެވެ. އެ ގައުމުގައި މި ބަލީން މުޅީން ރަނގަޅުވީ މީހުންގެ އަދަދަކީ 95،661 އެވެ.