ޖަރުމަން ބުންޑަސްލީގާ ގައި ރޭ ކުޅެވުނު މެޗުގައި ރަށުން ބޭރުގައި ޔޫނިއަން ބާލިން 2-0 އިން ބަލިކޮށް ބަޔާން މިއުނިކުން ތާވަލްގެ އެއްވަނައިގައި ލީޑް ދަމަހައްޓައިފިއެވެ.
ބަޔާން އެއްވަނައިގައި އޮތީ 26 މެޗުން 58 ޕޮއިންޓް ހަމަކޮށްގެންނެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ބޮރޫޝިއާ ޑޯޓްމަންޑެވެ. ތިންވަނައިގައި 52 ޕޮއިންޓާއެކު އޮތީ ހޮނިހިރު ދުވަހު ރަށުން ބޭރުގައި އެއިންޓްރަކް ފްރެންކްފަޓް އަތުން 3-1 އިން މޮޅުވި ބޮރޫޝިއާ މޮންޗެންގްލަޑްބަކް އެވެ. ކުރިން ތިންވަނައިގައި އޮތް އާރްބީ ލިޕްޒިގު ވަނީ 51 ޕޮއިންޓާއެކު ހަތަރުވަނަ އަށް ވެއްޓިފައެވެ.
ޔޫނިއަން ބާލިންގެ ދަނޑުގައި ކުޅުނު މި މެޗުގައި ބަޔާނުން ލީޑް ނެގީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީ އަކުން ޕޯލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު ލެއޯން ގޮރެޓްޒްކާ އަށް ބާލިންގެ ނެވެން ސުބޮޓިޗް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެކުރީން، ބަޔާންގެ ތޯމަސް މުލާ ޖެހިލަނޑެއް ރެފްރީ ވަނީ ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑްކަމަށް ބުނެ، ގޯލެއް ނޫންކަމަށް ނިންމާފައެވެ.
ބަޔާންގެ ދެވަނަ ލަނޑު، މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ފްރާންސްގެ ފުލްބެކް ބެންޖަމިން ޕަވާޑެވެ. މިއީ އެ ޓީމަށް ކުޅެމުން އަންނަ ޖަރުމަން މިޑްފީލްޑަރު ޖޯޝުއާ ކިމިޗް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ޕަވާޑް ކާމިޔާބުކުރި ގޯލެކެވެ.
ބަޔާނުން މި މެޗުގައި ކާމިޔާބުކުރި ފުރަތަމަ ގޯލަށްފަހު އެ ޓީމުގެ ކުޅުންތެރިން އެކުގައި އުފާފާޅުނުކުރިނަމަވެސް، ދެވަނަ ލަނޑަށްފަހު ޕަވާޑް ވަނީ ޑޭވިޑް އަލަބާ އާއެކު ގައިގޯޅިވެ، އުފާ ފާޅުކޮށްފައެވެ. މިއާއެކު ޖަރުމަން ފުޓްބޯލް ލީގު (ޑީއެފްއެލް) އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުވެފައިވާތީވެ، ޕަވާޑާމެދު ފިޔަވަޅު އަޅާނެކަމަށް ބެލެވެއެވެ.
ޖަރުމަނު ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި، އެފްސީ ކޮލޯން ދެލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް މައިންޒް ވަނީ ފަހަތުން އަރައި ދެ ގޯލްޖަހައި ނަތީޖާ 2-2 އަށް ބަދަލުކޮށްލާފައެވެ. މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބަޔާ ލެވަކޫސަން ނިކުންނާނީ ރަށުން ބޭރުގައި ވާޑާ ބްރޭމަންއާ ދެކޮޅަށެވެ.