English Edition
Dhivehi Edition

ކޮރޯނާވައިރަސް ފެތުރުން ސްރީ ލަންކާގައި ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ޑރ. ޕަބާ ޕަލިހަވަނަދަނާ ވިދާޅުވީ، މިހާރު މުޖުތަމައު ތެރެއިން ބަލި ފެތުރުން ހުއްޓިފައިވާ ކަމަށާއި ނަމަވެސް ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ސިއްހީ ގައިޑްލައިންތަކަށް އެންމެންވެސް އިހުތިރާމް ކުރަން ޖެހޭނެކަމަށެވެ. މި ގޮތުން ސޯޝަލް ޑިސްޓެންސާއި، ގިނަގިނައިން އަތްދޮވުމަށް ސަމާލުކަން ދިނުމުގެ އިތުރުން ބޭރަށް ނުކުންނަ އިރު މާސްކް އަޅަން ޖެހޭނެކަމަށް ޑރ. ޕާބާ ވިދާޅުވި އެވެ.

ލަންކާގައި ފަހަކަށް އައިސް އެންމެ ބޮޑަށް ވައިރަސް ފެތުރުނީ ކަނޑުގެ ސިފައިންގެ މަރުކަޒެއްގަ އެވެ. އެ މަރުކަޒުގެ 488 ކަނޑުގެ ސިފައިންނަށް ބަލިޖެހިފައިވާއިރު އޭގެ ތެރެއިން 117 މީހަކު ބަލިން ރަނގަޅުވެ ގެއަށް ވަނީ ދޫކޮށްލާފައެވެ. އަދި މިހާރުވެސް 311 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނަކަމަށް އެ ގައުމުގެ ކަމާއި ބެހޭ އިދާރާތަކުންވަނީ ވިދާޅުވެފައެވެ.

ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި 52 ދުވަހަށް ލަންކާ، ލޮކްޑައުން ކުރުމަށް ފަހު މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ.ނަމަވެސް އަމަލުކުރަންޖެހޭ ގައިޑްލައިންތަކެއް އާންމުކޮށްފައިވާއިރު، މިހާރުވެސް ކޮލަމްބޯ އާއި ގަމްޕަހާގައި ރޭގަނޑު 8 އިން ފަތިހު 5 އަށް ކާފިއު ދެމި އޮންނާނެ ކަމަށް އެ ގައުމުންވަނީ ހާމަކޮށްފައެވެ.

ލަންކާގައި 957 މީހަކަށް ބަލިޖެހުނު އިރު، 520 މީހަކު ވަނީ ރަނގަޅުވެފައެވެ. ވައިރަސް ޖެހިގެން ނުވަ މީހަކު މަރުވެފައިވާއިރު، 428 މީހަކު އަންނަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.