English Edition
Dhivehi Edition
ޑރ ނަޒްލާ ރަފީޤު

 

މާލޭގެ ގޭގެއަށް ގޮސް ޢުމުރުން ދުވަސްވީ މީހުން ކޮވިޑް 19 ޖެހިފައިވޭތޯ ބެލުމަށް ހަދާ ސަވައިލެންސް ޓެސްޓުން މިހާތަނަށް އެކަކު ޕޮޒިޓިވް ވެފައިވާކަމަށް ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

އެންއީއޯސީއިން ކޮވިޑް 19 ގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ނަޒްލާ ވިދާޅުވީ އެންމެ ރިސްކު ބޮޑު މީހުންގެ ގޮތުގައި ބެލެވެނީ ޢުމުރުން ދުވަސްވީ މީހުންކަމަށާއި އެމީހުން މިބަލިން ރައްކާތެރިކޮށް ބަލި ޖެހިފައިވާނަމަ އަވަސް ފަރުވާ ދީ މިކަމުން އަރައިގަތުމަށް ހަދާ އެކްޓިވް ސަވައިލެންސް ޓެސްޓުތަކުން މިހާތަނަށް 3 ގެއިން ނެގި ސާމްޕްލް ނެގެޓިވް ވިފަހުން އެހެން މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

” ގޭގައި ހުންނަމީހާއަށް މިބަލި ޖެހޭނީ ކޮންމެވެސް އެހެން މީހެއްގެ ފަރާތުން. އެހެންކަމުން އެގޮތަށް ޕޮޒިޓިވް ވެއްޖެނަމަ އެގޭގެ މީހުންނާއި ސުވާލުކޮށް އެކަން ދެނެގަނެވޭނެ.އެއްވެސް މީހަކަށް ބަލިޖެހިފައިވާ ކަން ޔަގީން ކުރެވެނީވެސް ޓެސްޓު ހަދައިގެން ކަމަށްވާތީ މިކަމަށް ހުރިހާ ބޭފުޅުންވެސް އެއްބާރުލުން ދެއްވުން އެދެން”

ނަޒްލާ ވިދާޅުވީ އުމުރުން ދުވަސް ވީ މީހުންނަކީ ރާއްޖެއަށް ބަލާއިރު ދިގު މުއްދަތަށް ފަރުވާ ކުރާ މީހުންކަމަށާއި ލޭމައްޗަށް ދިއުމާއި ހަކުރުބައްޔާއި އެފަދަ އެތައް ބައްޔެއް ހުންނައިރު ގޭގައި ތިބޭ އެހެންމީހުން ބޭރަށް ނިކުންނަނަމަ ކޮވިޑް 19 ބަލި ޖެހި ބަލީގައި ބޮޑުވަރު ވުމުގެ ފުރުސަތު އޮންނަ ކަމަށެވެ. ނަޒްލާ މިކަންފާހަގަ ކުރެއްވީ ޓެސްޓު ހެދުމަށް ދިއުމުން ބޭރަށްނުގޮސް ގޭގައި އުޅޭ ބަޔަކަށް ބަލިޖެހެންވީ ކީއްވެގެންތޯ ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފައްދާތީ އެވެ.

މާލޭގައި އެކްޓިވް ސަވައިލެންސް ޓެސްޓު ހެދުން ކުރިއަށްދާއިރު 65 އަހަރުންމަތީގެ މީހުންގެ ސާމްޕަލް އާއެކު އެގެއަކުން އިތުރު 3 މީހެއްގެ ސާމްޕަލްވެސް ނަގައެވެ.