English Edition
Dhivehi Edition
އަލަށް ވިހެއި ކުޑަކުއްޖަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި - ފޮޓޯ: ނިއުސް ކަރްނާޓަކާ

ރާއްޖެއިން ވިހެއިތާ އެއް މަސް ނުވާ ކުޑަކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި ކުޑަކުއްޖާ ޓެސްޓްކުރީ އެކުއްޖާގެ ކިބައިން އަލާމާތްތައް ފެނުމާއި ގުޅިގެންނެވެ. އަދި އެކުއްޖާގެ މަންމަވެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ މިއީ ޕޮޒިޓިވްވި މާބަނޑު މީހާ ވިހެއި ކުއްޖާ ނޫން ކަމަށާއި، އޭނާ ވިހެއި ކުއްޖާގެ ނަތީޖާ ނެގެޓިވް ކަމަށެވެ.

ރާއްޖޭގައިވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، މިހާތަނަށް 1078 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ ބަލިން 59 މީހަކު ރަނގަޅުވެފައިވާއިރު، ހަތަރު މީހަކު ވަނީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ.