English Edition
Dhivehi Edition
ޑޯޓްމަންޑްގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު ގައިދުރުކުރުމާއެކު އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލި ޖަރުމަން ބުންޑަސްލީގާގެ އެނބުރިއައުން ބޮރޫޝިއާ ޑޯޓްމަންޑުން މޮޅަކުން ފަށައިފިއެވެ.

ޑޯޓްމަންޑުން ވަނީ އަމިއްލަ ދަނޑުގައި މިއަދު ހަވީރު ކުޅެވުނު މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޝާލްކާ ބަލިކޮށްފައެވެ.

މި ނަތީޖާއާއެކު ޑޯޓްމަންޑް ވަނީ ލީގުގެ އެއްވަނައިގައި އުޅޭ ބަޔާން މިއުނިކާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ. ބަޔާން އަށް 25 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު އިތުރަށް ކުޅެގެން ޑޯޓްމަންޑަށް ލިބިފައިވަނީ 54 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އާރްބީ ލިޕްޒިގަށް 51 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އުޅޭ ބޮރޫޝިއާ މޮންޗެންގްލަޑްބަކް މިރޭ ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ އެ ޓީމަށް ތާވަލްގެ ތިންވަނަ އަށް އެރޭނެއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ބުންޑަސްލީގާގެ މެޗުތައް މިދިޔަ މާރިޗް މަހުގެ 11 ވަނަ ދުވަހު މެދުކަނޑާލުމަށްފަހު ލީގުގެ ކުޅުން އަލުން މިއަދު ފެށިގެންދިޔައިރު، ޑޯޓްމަންޑުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ.

ޑޯޓްމަންޑްގެ ސިގްނަލް އިޑޫނާ ޕާކްގައި އެއްވެސް ސަޕޯޓަރަކާ ނުލައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެލަނޑުޖަހާފައެވެ. މެޗުގެ 29 ވަނަ މިނެޓުގައި ޑޯޓްމަންޑްގެ ފުރަތަމަ ލަނޑުޖަހައިދިނީ އާލިން ބްރައުޓް ހާލަންޑެވެ. މިއީ ލީގުގައި ހާލަންޑް ކުޅުނު ނުވަ މެޗުން ޖެހި 10 ވަނަ ލަނޑެވެ. އަދި މި ސީޒަނުގައި އޭނާ ޖެހި 41 ވަނަ ގޯލެވެ.

ފުރަތަމަ ހާފު ނިމުމުގެކުރީން، ޑޯޓްމަންޑްގެ ދެވަނަ ލަނޑުޖަހައިދިނީ ޕޯޗުގަލްގެ ފުލްބެކް ރަފައެލް ގަރޭރޯ އެވެ. އޭގެފަހުން، ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ބެލްޖިއަމްގެ ތޯގަން ހަޒާޑް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. ޑޯޓްމަންޑްގެ ފަހު ލަނޑުޖަހައިދިނީ ވެސް ގަރޭރޯ އެވެ. މިއީ ލީގުގައި އޭނާ ޖެހި ހަތްވަނަ ލަނޑެވެ.

ލީގުގައި މިއަދު ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ހޮފެންހައިމް އަތުން 3-0 އިން ހާރްތާ ބާލިން މޮޅުވިއިރު، ވުލްފްސްބާގް ވަނީ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން އޮގްސްބާގް ބަލިކޮށްފައެވެ. ޑުސެލްޑޯފްއާ ދެކޮޅަށް ޕެޑަބޯން ކުޅުނު މެޗު ލަނޑެއްނުޖެހި އެއްވަރުވެގެން ނިމުނުއިރު، ލިޕްޒިގު ވަނީ އަމިއްލަ ދަނޑުގައި ފްރެއިބާގްއާ 1-1 އިން އެއްވަރުވެފައެވެ.

މި މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ އެންމެ ފާހަގަކޮށްލެވޭ މެޗުގައި، ތާވަލްގެ އެއްވަނައިގައި އުޅޭ ބަޔާން ނިކުންނާނީ ރަށުން ބޭރުގައި ޔޫނިއަން ބާލިންއާ ދެކޮޅަށެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ މާލޭގަޑިން 21:00 ގައެވެ.