English Edition
Dhivehi Edition
ބަންގްލަދޭޝުން ހަދިޔާ ކުރާ ހިލޭ އެހީގެ ތަކެއްޗާއެކު 16 މެއި 2020 ވަނަ ދުވަހު ރާއްޖެ އައި އަސްކަރީ މަތިންދާބޯޓު - ފޮޓޯ: ފޮރިން މިނިސްޓަރ ޝާހިދު

ބަންގްލަދޭޝުން ރާއްޖެއަށް ހަދިޔާކުރި 9 ޓަނުގެ އެހީގެ ތަކެއްޗާއެކު އެޤައުމުގެ އަސްކަރީ މަތިންދާބޯޓެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބަންގްލަދޭޝުން އެހީގެ ގޮތުގައި ރާއްޖެއަށް ފޮނުވި 9 ޓަނަށްވުރެ ގިނަ ކާބޯތަކެއްޗާއި، ޞިއްޙީ އާލާތްތަކާއި ބޭސްތަކާއެކު އެޤައުމުގެ އަސްކަރީ ފްލައިޓެއް މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ.

އަދި ބަންގްލަދޭޝުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި ފޮރިން މިނިސްޓަރ ވަނީ އެޤައުމުގެ ބޮޑުވަޒީރު، ޝެއިޚް ހަސީނާ އަށާއި ޚާރިޖީ ވަޒީރު އޭކޭ އަބްދުލް މޫމިންގެ އިތުރުން އެޤައުމުގެ އަސްކަރިއްޔާއަށް ޝުކުރު ދަންނަވައިފަ އެވެ.

މީގެ ކުރިންވެސް ބަންގްލަދޭޝުން ވަނީ އެޤައުމުގެ އަސްކަރީ މަނަވަރެއްގައި ރާއްޖެއަށް 100 ޓަނުގެ ހިލޭ އެހީ ފޯރުކޮށްދީފަ އެވެ. އަދި ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެ ޤައުމުގެ 10 މެންބަރުންގެ މެޑިކަލް ޓީމެއްވެސް ވަނީ ރާއްޖެ އައިސްފަ އެވެ.