ގައިންގަޔަށް ނާރާ ބަލިތަކާއި ބެހޭގޮތުން އެޗް.ޕީ.އޭ އަދި ޑަބްލިއު.އެޗް.އޯ އައްޑޫގައި ބޭއްވި ވޯކްޝޮޕް ނިންމާލައިފިއެވެ.
ތިން ދުވަހުގެ މުއްދަތައް އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ވޯކްޝޮޕަކީ ގައިންގަޔަށް ނާރާ ބަލިތަކާ ބެހޭ ގޮތުން ޑަބްލިއު.އެޗް.އޯ އިން ތައްޔާރު ކޮއްފައިވާ ‘ޕެކޭޖް އޮފް އެސެންޝަލް ނޮންކޮމިއުނިކަބަލް ޑިޒީޒް އިންޓަރވެންޝަންސް’ އަށް އައްޑޫގެ ސިއްޙީ ދައިރާގެ އެކި ފަންތީގެ މީހުން އަހުލުވެރި ކުރުމަށް ބޭއްވި ވޯކްޝޮޕެކެވެ.
އައްޑޫގެ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ އެކި އެކި މުއަށްސަސާ ތަކުން ތަފާތު ވިހި ފަރާތެއް ވަނީ މި ވޯކްޝޮޕްގައި ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަ ކޮއްފައެވެ.
އައްޑޫގައި މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވި ދަމަނަވެށިން ބުނެފައިވަނީ މި ވޯކްޝޮޕް ނިމުމާއި އެކު އައްޑޫގައި މ ‘ޕެން’ ޕެކޭޖް ތަންފީޒު ކުރަން ފަށާނެ ކަމަށެވެ. ދަމަނަވެށިން ފާހަގަ ކުރިގޮތުގައި މި ވޯކްޝޮޕް ތެރޭގައި ބައިވެރިންގެ ފަރާތުން ވަނީ ވަރަށް ބޮޑަށް އެއްބާރުލުން ލިބިފައެވެ. އަދި މި ޕެކޭޖް އައްޑޫގައި ތަންފީޒު ކުރުމަށް ބައިވެރިންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ދަމަނަވެށިން ފާހަގަ ކުރެއެވެ.
މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށް ބެލެވޭ ހަކުރު، ފުއްޕާމޭގެ ބަލިތައް، ކެންސަރު އަދި ހިތުގެ ބަލިތައް މުޖްތަމަައުގައި މަދުކޮށް އެ ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތައް ބަލައި، އެއިން އޮންނަ ހިރާސް(ރިސްކް) ކުޑަ ކުރުމަށް މަސައްކަތް ކުރުން ކަމަށް ދަމަނަވެށިން ބުނެއެވެ.
ވޯކްޝޮޕްގެ ބައިވެރިން ބުނެފައިވަނީ ވަނީ ގައިގަޔަށް ނާރާ ބަލިތަކާ ބެހޭގޮތުން ވޯކްޝޮޕްގެ ސަބަބުން ވަރަށް ގިނަ ކަންކަން އެނގުނު ކަމަށާއި އަދި މުޖްތަމަައުގައި މި ބަލި މަދު ކުރުމަށްޓަކައި ކުރަން ޖޭހޭ ކަންކަން ވަރަށް ބޮޑަށް ދަސްވެފައިވާ ކަމުގައެެވެ.
ރާއްޖޭގައި ގައިގަަޔަށް ނާރާ ބަލިތަކަކީ ކޮންޓްރޯލް ވެފައިވާ ބަލިތަކެކެވެ. ނަމަވެސް މި ފަހަކަށް އައިސް ރާއްޖޭގައި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން މިފަދަ ބަލިތައް ގިނަވަމުން ދާކަން އެޗް.ޕީ.އޭ އިން ފާހަގަ ކުރެއެވެ.