އައްޑޫ ސިޓީއަށް މިދިޔަ ބުރާސްފަތި ދުވަހު ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް އެހީވުމަށް އަބްދުﷲ އަހުމަދު ފައުންޑޭޝަނުން، އައްޑޫ ސިޓީ ކައުންސިލަށް އެއްލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ.
ފުވައްމުލަކަށް ނިސްބަތްވާ އެ ފައުންޑޭޝަނުން ބުނީ އެއްލައްކަ ރުފިޔާގެ ފައިސާގެ އެހީ ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ ކައުންސިލަށް އޮންލައިންކޮށް ޖަމާކޮށްދީފައިވާނެ ކަމަށެވެ.
އައްޑޫއަށް ކޮންމެ އަހަރަކުވެސް ކުރާ މޫސުމީ ވިއްސާރައިގައި ރައްޔިތުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ލިބެއެވެ.
އެގޮތުން ބުރާސްފަތި ދުވަހު ކުރި ވިއްސާރައިގައި 151 ގެއަށް ގެއްލުންވެފައިވާއިރު ބައެއް ގެތަކުން މީހުން ވަނީ ވަގުތީ ބޯހިޔަލަށް ބަދަލުކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.