މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބެލްޖިއަމް ޕްރޯ ލީގު މިދިޔަ މަހު ކެންސަލްކޮށްފައިވާއިރު، އެއްވަނައިގައި އޮތް ކްލަބް ބްރޫޖް އަށް ޗެމްޕިއަންކަން ދީފިއެވެ.
މިއީ އެ ކްލަބުގެ ތާރީޚުގައި ލީގު ކާމިޔާބުކުރި 17 ވަނަ ފަހަރެވެ. އަދި ވޭތުވެދިޔަ ފަސް ސީޒަނުގެ ތެރެއިން މި މުބާރާތުގެ ތަށި އުފުލާލި ތިންވަނަ ފަހަރެވެ.
ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ ބެލްޖިއަމްގެ ފުޓްބޯޅަ ސީޒަން މިދިޔަ މާރިޗް މަހުގެ 8 ވަނަ ދުވަހު މެދުކަނޑާލިއިރު، 29 މެޗުން 70 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އޮތީ ބްރޫޖް އެވެ. އޭގެ 15 ޕޮއިންޓް ފަހަތުން ދެވަނައިގައި ގެންޓް އޮތްއިރު، ތިންވަނައިގައި އޮތް ޗާލެރޮއި އަށް ލިބިފައިވަނީ 54 ޕޮއިންޓެވެ. ބެލްޖިއަމްގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކްލަބު އެންޑަލެކްޓް ލީގު ނިންމާލިއިރު އޮތީ 43 ޕޮއިންޓާއެކު ތާވަލްގެ އަށްވަނައިގައެވެ.
މިއާއެކު ބްރޫޖް އަށް އަންނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ އޮޓޮމެޓިކް ޖާގައެއް ކަށަވަރުވެގެންދިޔައިރު، ގެންޓް އަށް ވަނީ އެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރުމުގެ ފުރުޞަތު ލިބިފައެވެ. އަދި ޗާލެރޮއި އާއި ރޯޔަލް އެންޓްވާޕްގެ އިތުރުން ސްޓެންޑަޑް ލީޖް އަށް ވަނީ ޔުރޮޕާ ލީގުން ޖާގަ ލިބިފައެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ކުޅިވަރު ހަރަކާތްތައް މެދުކަނޑާލުމަށްފަހު އަލުން ފެށުމުގެ ހުއްދަ އެކި ގައުމުތަކުގެ ސަރުކާރުން ދެމުން އަންނައިރު، ބެލްޖިއަމް އަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ލީގު ކެންސަލް ކުރި ގައުމެވެ.