ބާސެލޯނާ އަދި ކެމަރޫންގެ ކުރީގެ ފޯވާޑް ސެމުއެލް އެޓޫ އަށްވުރެ މޮޅު ހަމައެކަނި ސްޓްރައިކަރަކީ ބްރެޒިލްގެ ރޮނާލްޑޯ ކަމަށް އޭނާ ބުނެފިއެވެ.
އެޓޫ މިހެން ބުނެފައިވަނީ ދާދިފަހުން ގަތަރުގެ ފުޓްބޯޅަ ތަރައްގީކުރުމަށް މަސައްކަތްކުރަމުން އަންނަ ‘ޖެނެރޭޝަން އެމޭޒިން’ ޕްރޮގްރާމަށް ލައިވް-ސްޓްރީމްކޮށް ކުރި ސުވާލުތަކަށް ޖަވާބުދެމުންނެވެ.
އުމުރުން 39 އަހަރުގެ އެޓޫ ވަނީ ކްލަބު ކެރިއަރުގައި 720 މެޗު ކުޅެދީ، 360 އެއްހާ ލަނޑުޖަހައިދީފައިވާއިރު، ތަފާތު 13 ކްލަބަކަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ ކުޅެފައިވާ ފާހަގަކޮށްލެވޭ ކްލަބުތަކުގެ ތެރޭގައި ބާސެލޯނާ އާއި އިންޓަ މިލާނާއި، ރެއާލް މެޑްރިޑްގެ އިތުރުން ޗެލްސީ ހިމެނެއެވެ. އަދި އޭނާ ވަނީ ކެމަރޫން ގައުމީ ޓީމަށް 118 މެޗުގައި 56 ލަނޑުޖަހައިދީފައެވެ.
ގަތަރުން ވޯލްޑްކަޕްގެ ބިޑް ކާމިޔާބުކުރުމަށްޓަކައި ކުރަމުން އައި މަސައްކަތްތަކުގެ ތެރެއިން އުފެއްދި މި ޕްރޮގްރާމަށް މައުލޫމާތު ދެމުން އެޓޫ ވަނީ އެފްރިކާގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭނެކަމަށާއި، އެކަމަކު މޮޅު އެއް ކުޅުންތެރިއަކު ހޮވުމަކީ ފަސޭހަކަމެއް ނޫން ކަމަށް ވެސް ބުނެފައެވެ.
އެހެންނަމަވެސް، މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު ސްޓަރައިކަރަކީ ކާކުކަމާމެދު ދެބަސްވެވޭނެ ޖާގައެއް ނެތްކަމަށާއި، އެ ކުޅުންތެރިއަކީ ބްރެޒިލްގެ ރޮނާލްޑޯ ކަމަށްވެސް އެޓޫ ބުންޏެވެ. އަދި އެޓޫ ވަނީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ބާސެލޯނާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކަމަށާއި، ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އަކީ މިހާރު އަރަމުން އަންނަ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ.
“މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި މެސީ، އެކަމަކު ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ އެންމެ ބޮޑު ތަރިއަކަށްވާނީ ކިލިއަން އެމްބާޕޭ.” އެޓޫ ބުންޏެވެ.
މީގެއިތުރުން، އެޓޫ ވަނީ ކެރިއަރުގައި ޖަހާފައިވާ އެންމެ ރީތި ގޯލާއި، އެންމެ މޮޅު އެޓޭކިން ޓްރިއޯ އާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. އެގޮތުން، އޭނާގެ ކެރިއަރުގައި ޖެހި އެންމެ ރީތި ގޯލަކީ ކޮންފެޑެރޭޝަންސް ކަޕްގައި ބްރެޒިލް ކޮޅަށް ވައްދާލި ގޯލުކަމަށާއި، އެންމެ މޮޅު އެޓޭކިން ތިން ކުޅުންތެރިންނަކީ މެސީ އާއި ބްރެޒިލްގެ ރޮނާލްޑޯ އަދި ރޮނާލްޑީނިއޯ ކަމަށެވެ.
“އަހަރެންނަށް މިހާތަނަށް ޖެހިފައިވާ އެންމެ ރީތި ގޯލަކީ، ކޮންފެޑެރޭޝަންސް ކަޕްގައި ބްރެޒިލް ކޮޅަށް ވައްދާލި ލަނޑު. އެ ގޯލް ހާއްސަވަނީ، އެއީ އަހަރެންގެ މަންމަ ސްޓޭޑިއަމަށް ފުރަތަމަ ފަހަރަށް މެޗެއް ބަލަން އައި ދުވަހަށްވުމުން.”
“އެންމެ މޮޅު އެޓޭކިން ތިން ކުޅުންތެރިއަކު ނެގުމަކީ އުނދަގޫ ކަމެއް. އެކަމަކު، އަހަރެންގެ ހޮވުމަކީ މެސީ އާއި ރޮނާލްޑޯ އަދި ރޮނާލްޑީނިއޯ.” އެޓޫ ބުންޏެވެ.