ޑޮކްޓަރުންނާ ދެކޮޅަށް ސައިބަރ އެޓޭކްތަކެއް ދެމުން އަންނާތީ ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ކުރީސަފުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނަށް އަމާޒުކޮށްގެން މިރޭ ފުޅާ ދާއިރާއެއްގައި ސައިބަރ އެޓޭކްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ވަޓްސްއެޕް މެދުވެރިކޮށް ކޮންޓެކްޓެއްގެ ނަމުގައި ކޯޑެއް މެސެޖުކޮށް ނުވަތަ ކޮންޓެކްޓެއްގެ ނަމުގައި ފޯނުކޮށްގެން ކޯޑު ހޯދާ ފޯނުތައް ހެކްކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
“ދަންނަ މީހުންގެ ނަމުގައި މި ފޮނުވާ ކޯޑުތަކަކީ ޑުޕްލިކޭޓް ކޮށްފައި ހުންނަ ޕްރޮފައިލްތަކުން ފޮނުވާ ސައިބަރ އެޓޭކްތަކެއް”، ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ވަނީ އެއްވެސް ފަރާތެއްގެ ފޯނަށް ޝައްކުވާ ޒާތުގެ ލިންކެއް މެސެޖުކޮށްފައިވާނަމަ، އެ ލިންކް ނުހުޅުވުމަށާއި އަދި ދަންނަ ކޮންޓެކްޓެއްގެ ފަރާތުންވެސް އަންނަ މެސެޖެއްގައި އޮންނަ ކޯޑު އެއްވެސް މީހަކަށް ނުދިނުމަށް އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.