English Edition
Dhivehi Edition
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެންއީއޯސީގެ ޕްރެސްއެއްގައި ވާހަކަދައްކަވަނީ - ފޮޓޯ: އެންއީއޯސީ

ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓް ހެކްކޮށްފި އެވެ.

އެ އެކައުންޓް ހެކްކުރުމަށްފަހު ހަތަރު ޓްވީޓެއް ވަނީ ކޮށްފައެވެ. އެ ޓްވީޓްތަކުގައި ޔޫކޭފަދަ މިދަނޑިވަޅުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމުތަކުން ދިވެހި ސަރުކާރު މިސާލު ނަގަންޖެހޭ ކަމަށް ބުނެފައި ވެއެވެ. އަދި ރައްޔިތުންނަށް ހިލޭ އެހީ ނުދެނީ ކީއްވެތޯވެސް ވަނީ ސުވާލު ކޮށްފައެވެ. މީގެ އިތުރުން ރާއްޖެއަށް ލިބޭ ހިލޭ އެހީ ކޮބައިތޯ އާއި ރާއްޖެއަށް ލިބޭ ފައިސާތަކުގެ ބޭނުން ހިފާގޮތް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށްވެސް ބުނެފައި ވެއެވެ.

މި ޓްވީޓްތައް ކުރިތާ މާގިނައިރުތަކެއް ނުވަނީސް ޓްވީޓްތައް ވަނީ ނަގައިފަ އެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓް ހެކްކުރި މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

މިފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ވެބްސައިޓްވެސް ވަނީ ހެކްކޮށްފަ އެވެ. އަދި އެ ސައިޓު ހެކްކުރުމަށްފަހުވެސް ސަރުކާރަށް ފާޑުކިޔައި ވީޑިއޯއެއް ވަނީ އާންމުކޮށްފަ އެވެ.