މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން މެދުކަނޑާލާފައިވާ އިޓާލިއަން ސެރިއޭ، އެ ގައުމުގެ ސަރުކާރުގެ ލިބިއްޖެނަމަ އަންނަ މަހު 13 ވަނަ ދުވަހު ފަށަން ނިންމާފައިވާކަމަށް ފަހުގެ މީޑިއާ ހަބަރުތައް ބުނެފި އެވެ.
އެގޮތުން، އިޓާލިއަން ލީގުގައި ކުޅެމުން އަންނަ 20 ކުލަބުގެ އިސް ފަރާތްތަކުގެ މެދުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ އިޓަލީގެ ސަރުކާރާއި ސިއްހީ މާހިރުންގެ ހުއްދަ ލިބުމާއެކު ސީޒަނުގެ ބާކީ ނުނިމި ހުރި މެޗުތައް ފެށުމަށް ނިންމާފައެވެ.
ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19ގެ ނުރައްކާބޮޑުވެ އިޓަލީގެ ފުޓްބޯޅަ ސީޒަން މިދިޔަ މާރިޗް މަހުގެ 9 ވަނަ ދުވަހު މެދުކަނޑާލިއިރު، 26 މެޗުން 63 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލާޒިއޯ އެވެ. ތިންވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައިވަނީ 25 މެޗުން 54 ޕޮއިންޓެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ކުޅިވަރު ހަރަކާތްތައް މެދުކަނޑާލުމަށް ފަހު އަލުން ފެށުމުގެ ހުއްދަ އެކި ގައުމުތަކުގެ ސަރުކާރުން އަންނަނީ ދެމުންނެވެ. އެ ގޮތުން މިހާތަނަށް ފުޓްބޯޅަ ސީޒަން ފަށަން ފުރުސަތު ދިން ގައުމުތަކުގެ ތެރޭގައި ޖަރުމަނާއި ސްޕެއިން އަދި އިނގިރޭސިވިލާތް ހިމެނެއެވެ. އަދި ސަރުކާރުގެ އެންގުމާ އެކު ލީގު ކުރިއަށްދެވޭނެ ފުރުސަތެއް ނެތުމުން ނެދަލެންޑްސް އާއި ފްރާންސްގެ ލީގު ވަނީ ކެންސަލްކޮށްފަ އެވެ. ފްރެންޗް ލީގު ނިންމާލީ އެއްވަނައިގައި އޮތް ޕީއެސްޖީ އަށް ތަށި ދީފަ އެވެ. އެކަމަކު ނެދަލެންޑްސް ލީގުން މި ފަހަރު ޗެމްޕިއަނެއް ކަނޑަނާޅަ އެވެ.
އިޓަލީ އަކީ ޗައިނާ އަށް ފަހު މުޅި ދުނިޔޭން ކޮވިޑް-19 އެންމެ ފުރަތަަމަ ފެތުރެންފެށި ގައުމަށްވީ ހިނދު، މިހާރު އެ ގައުމުގައި މި ބަލި ގާތްގަނޑަކަށް ކޮންޓްރޯލްވުމާ ގާތަށް ވަނީ ޖެހިލައިފައެވެ. އެގައުމުގެ 222,104 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 31,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މީގެއިތުރުން، އެ ގައުމުގެ ލީގުގައި ކުޅެމުން އަންނަ ބައެއް ކުޅުންތެރިންނަށް ވެސް މި ބަލިޖެހިފައިވާއިރު، މިދިޔަ ހަފްތާގައި ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކާ ތިން ކޯޗިން ސްޓާފުންގެ އިތުރުން ޓޮރީނޯގެ ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.