English Edition
Dhivehi Edition
ފުލުހުން މާލޭގެ މަގުތައް މޮނިޓަރކުރަނީ - ފޮޓޯ: ޕޮލިސް

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ފުރަބަންދު އިތުރު 14 ދުވަހަށް ދަމަހައްޓަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން އެންގުމުގެ މއުްދަތު 28 މެއި 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ކަން އިޢުލާން ކުރެއްވީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމާއިގުޅިގެން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެކަމަނާއެވެ.

އެޗްޕީއޭ އިން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ފުރަތަމަ ފަހަރަށް 24 ގަޑިއިރަށް ބަންދުކުރުމަށްފަހު، އޭގެ ފަހުން މިދިޔަ އޭޕްރީލް މަހުގެ 17 އިން ފެށިގެން 14 ދުވަހަށް ފުރަބަންދުކޮށްފައިވެއެވެ. އަދި އޭގެ ފަހުން އިތުރު 14 ދުވަހަށް ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެ މުއްދަތު ހަމަވާނީ ބުރާސްފަތި ދުވަހަށެވެ.

މިރޭ އަނެއްކާވެސް ފުރަބަންދުގެ މުއްދަތު 14 ދުވަހަށް އިތުރުކޮށް މާލެ ސަރަޙައްދު މިހާރެކޭވެސް އެއްފަދައިން މި ހިނގާ މެއި މަހުގެ 28 އާއި ހަމައަށް ފުރަބަންދު ވެގެންދާނެއެވެ.

ފުރަބަންދުގެ ޙާލަތަށް މާލެ ގެނެވުނީ މާލެއިން އޭޕްރީލް 15 ވަނަ ދުވަހު ކޮވިޑް-19 އަށް މީހަކު ފުރަތަމަ ފަހަރަށް ޕޮޒިޓިވް ވި ހިސާބުންނެވެ. ކޮވިޑް-19 ހަލުވި ކަމާއެކު ރާއްޖޭގައި ފެތުރެމުންދާތީ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން މާލެ ސަރަޙައްދުގެ އިތުރުންވެސް ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް މީހުން އެރުންވެސް މިވަގުތަށް ވަނީ މަނާ ކޮށްފައެވެ.

މުޅި ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދަކީ 955 ކަމަށްވާއިރު، އެ ބަލިން ރާއްޖެއިން 40 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.