English Edition
Dhivehi Edition

ކޮވިޑް19 ގެ މި ހާލަތުގައި ރައްޔިތުންނަށް ބޭނުންވެފައިވާ އެތައް ކަމެއް ހިމެނޭ ގޮތަށް ހުށަހެޅުއްވި “ކޮވިޑް-19ގެ އެހީތެރިކަމުގެ ބިލް” ގެ އިސްލާޙްތައް، މަޖިލީހުގެ ރިޔާސަތުން ބަލަންވާ ވަރަށް ނުބައްލަވާ ފާޑު ވިދާޅުވުމަކީ ހިތާމަކުރައްވާ ކަމެއްކަމުގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ރާއްޖޭގައި ކޮވިޑް-19 ގެ ސަބަބުން ހާލުގައި ޖެހޭ މީހުންނަށް އެހީވުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ބިލް، މަޖިލިހުގެ ގަވައިދަށް ނުފެތޭ ކަމަށް ވިދާޅުވެ އެޖެންޑާނުކޮށް ދޫކޮށްލާފައިވާއިރު، މަޖިލީހުގެ ރިޔާސަތުންވަނީ އަލުން ބިލުގައި ހިމަނާފައިވާ ދައުލަތުގެ ބަޖެޓާ ގުޅުންހުރި ކަންކަން ރަނގަޅު ކުރެއްވުމަށް ފަހު އަލުން ހުށަހެޅުއްވުމަށް އެދިވަޑައިގެންފައެވެ.

އެހެންނަމަވެސް މިއަދު އާ އިސްލާހްތަކާއެކު ސައީދު ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިގަނެވެން ނެތް ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާއިރު އެ ބިލަކީ މަޖިލިހުގެ ގަވައިދަށް ފެތޭ ބިލެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މި ބިލާއި ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ މި ބިލަކީ މަޖިލިހުގެ ގަވައިދު ވަރަށް ސަރީހަ އިބާރާތުން ބުނާ ފައިސާއާ ގުޅޭ ބިލެއްކަމަށެވެ.” އަދި މި ބިލަކީ މެމްބަރަށް ހުށަހެޅެން ނެތް ބިލެއް. އެއިރެއްގައި ސަރުކާރުގައި ތިއްބަވާ ބޭފުޅުން ނުވަތަ ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވައިދު އޮތް މައްސަލައެއް” ނަޝީދު ވިދާޅުވިއެވެ.

މި ބިލް މަޖިލީހުން ބަލައިނުގަތް މައްސަލައިގައި ސައީދު ވިދާޅުވީ އެބިލުގައި ހިމެނޭނީ ނިކަމެތި އެތައް ރައްޔިތެއްގެ ހައްޤު ކަމަށާއި، ގޭ ކުލި، ބިން، ގެދޮރު، މަސްވެރީން، ދަނޑުވެރީން އަދި ވަޒީފާގެހައްޤުތައް ކަމަށެވެ. މީގެ އިތުރުން ސައީދު ހުށަހެޅުއްވި ބިލް ފުރަތަމަ ފަހަރަށް މަޖިލިހަށް ފޮނުވުމުން، ރައީސް ނަޝީދު އެންގެވީ އެ ބިލް އިތުރަށް ފުރިހަމަ ކުރެއްވުމަށް ފަހު އަލުން ފޮނުވުމަށްކަމަށާއި ފުރަތަމަ ހުށަހެޅުމާއި އެކު، ޕާޓީތަކުގެ ޕީޖީ ލީޑަރުންނާއި މަޝްވަރާ ކުރައްވާނެ ވާހަކަ ވިދާޅުވެ، އެކަން ނުކުރައްވާ ކަންހާމަވާ ކަމަށް ސައީދުވަނީ ވިދާޅުވެފައެވެ.

‘ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލް” ނަމުގައި ސައީދު ހުށަހެޅުއްވި ބިލްގައި ހިމާނާފައިވާ ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ބިމު ކުއްޔަށް ތާވަލެއް އެކަށައެޅުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ވަޒީފާ ގެއްލުނު އެތައް ހާސް މުވައްޒަފުންގެ ވަޒީފާ ޔަގީންކުރުން ހިމެނެއެވެ. މީގެ އިތުރުން ޕެންޝަން ފަންޑުގެ ހައްގުވެރިންނަށް ފައިސާ ދޫކުރުމާއި ގޭ ކުއްޔަށް ލުއި ދިނުމާއި ސްޓޫޑަންޓް ލޯން ފަސް ކުރުންވެސް ހިމެނެއެވެ، މީގެއިތުރުން ކުދި ވިޔަފާރިތަކުގެ ޓެކްސް ފައިލްކުރުމުގައި ލުއި ގޮތްތަކެއް ހޯދުމާއި ދަނޑުވެރިންނާއި މަސްވެރިންނަށް ލުއި ގޮތްތަކެއް ހޯދައިދެވޭނެގޮތްތަކެއްވެސް މި ބިލްގައި ވަނީ ހިމަނާފައެވެ.