English Edition
Dhivehi Edition
މާލެ ސިޓީ

އަމިއްލަފަރުދުންނަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭކަމަށާއި، އެފަދަ ބަދަލެއް އަންނާނެގޮތްތަކަކަށް ލުއި ދިނުމަށް ސަރުކާރަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ އިއްތިފާޤުންނެވެ.

ކޮވިޑް 19 އާއި ގުޅިގެން ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، ދިވެހި އެއްވެސް ރައްޔިތަކު މަގުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ވަނީ ނިންމާފައެވެ.

ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައާ ގުޅުގެން އިޖުތިމާއީ ކޮމެޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ މަސައްކަތް، ކޮމިޓީން ދިރާސާކޮށް، ނިންމިގޮތުގެ ރިޕޯޓުގައި ސަރުކާރަށް 7 ހުށަހެޅުމެއް ހުށަހަޅާފައި ވެއެވެ.

އޭގެ ތެރޭގައި އަމިއްލަފަރުދުންނަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭކަމަށާއި، އެފަދަ ބަދަލެއް އަންނާނެގޮތްތަކަކަށް ލުއި ދިނުމަށްވަނީ މި ރިޕޯޓްގައި ބަޔާންކޮށްފައެވެ. އަދި ފުރަބަންދުގައިވާ ޙާލަތުގައި އަދި ވަކިން ޚާއްސަކޮށް މުޖުތަމަޢުގައި ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ކުއްޔަށް ދިރިއުޅެމުންދާ ފަރާތްތަކުގެ ތެރެއިން ހާލުގައިޖެހި ކުލިދެއްކުމަށް ނުކުޅެދޭ ފަރާތްތައް މަގުމަތިވިޔަނުދިނުމަށްޓަކައި ސަރުކާރާއި ސިޓީ ކައުންސިލްތައް އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ.
މި ރިޕޯޓްގައި ހިމަނުއްވާފައިވާ އެހެންކަންކަމުގެ ތެރޭގައި، މޮރިޓޯރިއަމް ޕެކޭޖް ދިނުމަށްފަހު، އެފަރާތްތަކުން ޢަމަލުކުރާގޮތް މާލެއާއި އަތޮޅުތެރޭގައިވާ ޖޮބް ސެންޓަރ މެދުވެރިކޮށް ބަލަމުންގެންދިއުމަށާއި، މޮރިޓޯރިއަމް ޕެކޭޖް އެއްފަހަރާ ދޫނުކުރުމަށްވެސް ސަރުކާރަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

އަދި، އެފަރާތްތަކުން މުވައްޒަފުންނާމެދު އިހާނެތިކޮށް ކަންތައްތައް ކުރަމުން ގެންދާނަމަ، ދޫކުރެވިފައިވާ ފައިސާގެ ވަކި ޕަސެންޓެއް ޖޫރިމަނާގެ ގޮތުގައި ނެގުމަށާއި، ސްކޫލްތައް ބަންދުވެފައިވާ ޙާލަތުގައި މެދުކެނޑުމެއްނެތި ތަޢުލީމުގެ ފުރުސަތު ކަށަވަރުކޮށްދިނުމައްޓަކައި މިޙާލަތާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ތަޢާރުފްކޮށްފައިވާ އޮން-ލައިން ޕޮރޮގްރާމްތަކާއި “ޓެލެކްލާސް”ކުރިޔަށް ގެންދިޔުމަށްވެސް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

އަދި މާލެއާއި އަތޮޅުތަކުގައި ދިރިއުޅޭ ހުރިހާ ކުދިންނަށް ތަފާތު ކުރުމެއްނެތި މިފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ސްކޫލް ކުދިންނަށް ޚާއްސަ އިންޓަރނެޓް ޕެކޭޖްތަކެއް، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް އިޖްތިމާޢީ ކޮމިޓީގެ ރިޕޯޓްގައިވެއެވެ. ސަރުކާރަށް ހުށަހެޅުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި އެެޗް.ޕީ.އޭގެ އިރުޝާދުގެ ދަށުންމެނުވީ މިސްކިތްތަކާއި ޕާކުތައްފަދަ އާންމުން އެއްވާ ތަންތަން، ޢާންމު ބޭނުންތަކަށް ނުހުޅުވުންވެސް ހިމެނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުގެ ދަށުން މެނުވީ މިސްކިތްތަކާއި ޕާކުތައް ފަދަ އާންމުން އެއްވާ ތަންތަން އާންމު ބޭނުންތަކަށް ހުޅުވާ ނުލުމަށް ވެސް އިޖުތިމާއީ ކޮމެޓީން ނިންމާފައިވާ ރިޕޯޓުގައި ސަރުކާރަށް ހުށަހަޅާފައި ވެއެވެ.