English Edition
Dhivehi Edition
16 ޖުލައި 2019ގައި ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެކްސްކޯ މެންބަރުންނާއި ރައީސް ޞާލިޙް ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ބާ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޭޕްރީލް 16 ވަނަ ދުވަހު ހުޅުވާލި ދާއިމީ ސަބްކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެތިކްސް ކޮމިޓީ އަށް ހަ މެންބަރުންނާއި ޤާނޫނީ ތަޢުލީމު ކޮމިޓީއަށް ދެ މެންބަރުންގެ އިތުރުން ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީ އަށް ތިން މެންބަރުން ހޯދަން ބޭނުންވާ ކަމަށް ބާ ކައުންސިލުން ބުނެއެވެ.

މި މަޤާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކުކަމުގައިވުމާއެކު ޤާނޫނީ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެ އިތުރުން ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާޙާތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެ ކޮމިޓީއަކާ ގުޅޭ ދާއިރާއަކުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުމާއި، އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ ޒިންމާތައް އަދާކުރުމެވެ.

މާގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 21 މެއި 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން “ދިވެހިރާއްޖޭގެ ބާ ކައުންސިލު”، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އުފައްދަވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. ގާނޫނީ ވަކީލުންގެ ކަންކަން މޮނީޓާ ކުރުމާއި ގާނޫނީ ފަންނު އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގެ ހުރިހާ ޒިންމާއެއް މަތިކޮށްފައިވަނީ ބާ ކައުންސިލަށެވެ.