ދުންފަތުގެ އިސްތިޢްމާލުކުރާ މީހުންނަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވާ ނުރައްކާ އެހެން މީހުންނާއި އަޅާބަލާއިރު ވަރަށް ބޮޑުކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.
ދުނިޔޭގެ ޞިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއިން ނެރުނު ބަޔާނެއްގައިވާގޮތުން، ސިއްހީ މާހިރުންގެ އެންމެ ފަހުގެ ހޯދުންތަކަށް ބަލާއިރު، ދުންފަތުގެ އިސްތިޢުމާލުނުކުރާ މީހުންނަށް ވުރެ އޭގެ ބޭނުންކުރާ މީހުންނަށް ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ނުރައްކާތެރި ހާލަތު ކުރިމަތިވާކަމަށެވެ.
އެގޮތުން، ދުންފަތުގެ ސަބަބުން އިންސާނާގެ ނޭވާލާ ނިޒާމަށް ކުރިމަތިވާ ގެއްލުންތަކުގެ ތެރޭގައި، ފުއްޕާމޭގެ ކެންސަރުގެ އިތުރުން އެހެނިހެން ބަލިތަކަށް ހަށިގަނޑު ހުށަހެޅި، ކޮރޯނާވައިރަސްގެ އިތުރުން އެހެނިހެން ބަލިތަކާ ދެކޮޅަށް ހަށިގަނޑު ކުރާ ހަނގުރާމައިގައި ދިފާއީ ނިޒާމް ބަލިކަށިކޮށްލާކަމަށްވެސް އެ ބަޔާނުގައިވެއެވެ.
“ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ތަފާތު އެތަކެއް ސީރިއަސް ސިއްހީ މައްސަލަތަކެއް ހަށިގަނޑަށް ކުރިމަތިކުރުވާ ކަމަކަށް ވީހިނދު، ކޮވިޑް-19 ޖެހިފައިވާ މީހުންނަށް މިކަމުގެ ސަބަބުން ނުރައްކާ ވަރަށް ބޮޑުތަން އިތުރުވެގެންދޭ.” ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނުގައިވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ތަފާތު ހިތުގެ ބަލިތައް ޖެހުމާއި، ސްޓްރޯކު ޖެހުން ހިމެނޭއިރު މީގެއިން ބައްޔެއް ޖެހިފައިވާ މީހުންނަށް ކޮވިޑް-19 ޖެހިއްޖެނަމަ ހާލަތު ސީރިއަސްވެގެންދާއިރު، ފަރުވާދިނުމަށް ނުކުޅެދޭ ހިސާބަށްވެސް އާދެއެވެ.
ޑަބްލިއުއެޗްއޯ އިން ހާމަކުރާގޮތުގައި، ދުންފަތުގެ ސަބަބުން މުޅި ދުނިޔޭން އަހަރަކު 8 މިލިއަން މަރުވާއިރު، މީގެތެރެއިން 7 މިލިއަން މީހުންނަކީ ސީދާ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނެވެ. އަދި ބާކީ 1.2 މިލިއަން މީހުން މަރުވަނީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހާ ބޭރުކުރާ ދުމުގެ (ސެކަންޑް-ހޭންޑް ސްމޯކް) ސަބަބުން ލިބޭ ގެއްލުންތަކުން މަރުވާ މީހުންނެވެ.