2007 ވަނަ އަހަރުން ފެށިގެން އުފަންވި އަދި އުފަންވާ އެންމެނަށް ދުންފަތް މަނާކުރުމަށް ކެބިނެޓުން ނިންމައިފިއެވެ.
އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގެ ނިންމުމުގައި ވަނީ ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް ‘ޖެނެރޭޝަނަލް ބޭން’ އެއް ތަންފީޒުކުރުމަށެވެ.
މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ނިންމާފައިވާއިރު ގާނޫނަށް އިސްލާހު ގެނެސް ތަސްދީގުކުރާ ތާރީހުން ފެށިގެން ގާނޫނަށް އަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދިނުމަށްވަނީ ނިންމާފައެވެ. އަދި ނޮވެންބަރު 1، 2025 ގައި މި ގާނޫނަށް ތަންފީޒުކުރަން ފެށުމަށް ވެސް ކެބިނެޓުން ނިންމައިފައިވެއެވެެ.
ޓޮބޭކޯ ސިޒޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އިން މިނިސްޓްރީ އޮފް ހެލްތަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށްވެސް ކެބިނެޓުން ވަނީ ނިންމާފައެވެ.