English Edition
Dhivehi Edition
އެންއީއޯސީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް ވާހަކަދައްކަވަނީ - ފޮޓޯ: އެންއީއޯސީ

ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19 ބަލިން ރަނގަޅުވެއްޖެ އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިއްޔެ އިތުރު މީހަކު ރަނގަޅުވެފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ނުވަ މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް މަބްރޫކް ވިދާޅުވެފައިވާއިރު، އޭގެ ކުރިންވެސް 20 މީހަކު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 31 އަށް އަރައިފަ އެވެ. އަދި މިހާތަނަށް ރާއްޖެއިން މި ބަލީގައި ތިން މީހަކު ވަނީ މަރުވެފަ އެވެ.

އިއްޔެވެސް ރާއްޖެއިން 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 862 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި 288 ދިވެހިންނާއި، 574 ބިދޭސީން ހިމެނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 1،521 މީހުން ކަރަންޓީނުކޮށްފައިވާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 719 މީހުންނެވެ.