މި އަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމާ ގުޅިގެން ސަސްޕެންޑްވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި އެވެ.
ސިވިލް ސަރވިސް ކޮމިޝަން (ސީއެސް) އިން ނެރުނު ސަރކިއުލަރއެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން ސަސްޕެންޑްވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނުގެ 6 ވަނަ މާއްދާއިން ބާޠިލްކޮށްފައިވާތީ، އެ މުވައްޒަފުންގެ ސަސްޕެންޝަން 10 މޭ 2020 އިން ފެށިގެން ބާޠިލުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އަށް ކުރިމަތިލާފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން ބާޠިލުކޮށް، އެ މުވައްޒަފުން އަދާކުރަމުންދިޔަ ވަޒީފާއަށް އަލުން ރުޖޫޢަކުރެވެނީ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އިންތިޚާބު ދިގު މުއްދަތަކަށް ފަސްކުރުމާ ގުޅިގެން ކަމުގައިވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނުގެ ދަށުން އެ މުވައްޒަފުން އަލުން ސަސްޕެންޑް ކުރެވެންދެން، އިންތިޚާބާ ގުޅޭގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ޙަރަކާތެއް އެއްވެސް މުވައްޒަފެއް ކުރިއަށް ގެންގޮސްގެން ނުވާނެކަމަށާއި، އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން އަލުން ފެށުމަށް އިޢުލާނުކުރާ ތާރީޚުން ފެށިގެން، ސަސްޕެންޝަން ބާޠިލްކުރެވޭ މުވައްޒަފުން އަލުން ސަސްޕެންޑްކުރެވޭނެ ކަމަށްވެސް އެ ސަރކިއުލަރގައި ބުނެފައި ވެއެވެ.
އަދި ސަސްޕެންޝަން އުވި މުވައްޒަފުން އަލުން ވަޒީފާއަށް ނުކުންނަން ހަމަޖެހުނު އިރު، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މި ވަގުތު ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ވަކި ޚާއްސަ އުޞޫލުތަކެއްގެ މަތިން ކަމުގައިވާތީ، ވަޒީފާއަށް ނުކުތުމަށް ހަމަޖެހޭ މުވައްޒަފުން އަމަލުކުރައްވަންވާނީ އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތް ވަގުތީގޮތުން ޙަވާލުކުރެވިފައިވާ ފަރާތުން އަންގަވާ ގޮތެއްގެ މަތިން ކަމުގައި ވެސް ސީއެސްސީން ބުނެފައި ވެއެވެ.
މީގެ އިތުރުން ރަމަޟާން މަސް ފެށޭ އިރު، އޮފީހަށް ޚިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވް އަދި ނޯ ޕޭ ލީވްއެއްގައި ހުރި މުވައްޒަފަކު ރަމަޟާން މަހުގެ ތެރެއިން އެނބުރި ޚިދުމަތަށް ނުކުމެއްޖެ ނަމަ، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށްޖެހޭ ޢަދަދެއް ބަލައި، އެ އަދަދަށް ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ދޭންވާނެކަމަށް ބަޔާންކުރެވިފައިވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމާ ގުޅިގެން ސަސްޕެންޑުކުރެވިފައިވާ މުވައްޒަފުންގެ ސަސްޕެންޝަން ބާޠިލްކުރެވޭ ތާރީޚުން ފެށިގެން އެ ފަރާތަކަށް ޙައްޤުވާ
ރަމަޟާން މަހުގެ އިނާޔަތްތައް އެ ފަރާތަކަށް ލިބޭނެ ކަމަށްވެސް އެ ސަރކިއުލަރގައި ބުނެފައި ވެއެވެ.