English Edition
Dhivehi Edition
އާސަންދަ ކޮމްޕެނީ ލިމިޓެޑް - ފޮޓޯ: ފޭސްބުކް

ކޮވިޑް-19 އާއި ގުޅިގެން މެރަނާ ސްކީމްގެ ދަށުން މެލޭޝިއާގައި ދޭ ޚިދުމަތަށް ބަދަލު ގެނެސްފި އެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން މެރަނާ ސްކީމްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް، ސްކީމްގެ ޚިދުމަތް ފޯރުކޮށްދެމުން ދިޔައީ އެ ކުންފުނީގައި ލިސްޓްކޮށްފައިވާ ހޮސްޕިޓާތަކާއި ކްލިނިކްތައް މެދުވެރިކޮށް ނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން މެލޭޝިއާގައި އެއްތަނުން އަނެއް ތަނަށް ދިއުމަށް އަޅާފައިވާ ހުރަސްތަކުގެ ތެރެއިން އެމީހަކު ދިރިއުޅޭ ތަނުން ފެށިގެން 10 ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކުރުން މަނާކޮށްފައިވާ ކަމަށެވެ.

އޭގެ ސަބަބުން މެރަނާ ސްކީމްގެ ދަށުން ޚިދުމަތް ދިނުމަށް ލިސްޓްކޮށްފައިވާ މަރުކަޒަކަށް ދިއުމަށް ބައެއް ފަރާތްތކަށް ދަތިވާނެ ކަމަށް ބެލެވޭތީ މި ޙާލަތުގައި މެލޭޝިއާގައި ދިވެހިން އުޅޭ ސްޓޭޓްތަކުގެ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަކީ މެރަނާ ސްކީމްގެ ދަށުން ޚިދުމަތް ހޯދިދާނެ ތަންތަން ކަމުގައި ހެދުމަށް ނިންމާފައިވާ ކަމަށްވެސް އާސަންދައިން ބުނެއެވެ.

އެހެންކަމުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން މެރަނާ ސްކީމްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން، އެމީހަކު ދިރިއުޅޭ ތަނުން ފެށިގެން 10 ކިލޯމީޓަރުގެ ސަރަޙައްދެއްގައި މެރަނާ ސްކީމްގެ ދަށުން ޚިދުމަތް ދިނުމަށް އެންލިސްޓްކޮށްފައިވާ ހޮސްޕިޓަލެއް ނުވަތަ ކްލިނިކެއް ނެތްނަމަ، ބޭނުންވާ ޚިދުމަތް ރަނގަޅު އަގެއްގައި ލިބެންހުރި އެހެން ސިއްހީ ޚިދުމަތްދޭ މަރުކަޒަކުން ޚިދުމަތް ހޯދައި، ޚިދުމަތް ހޯދިކަން އެނގޭނެ ލިޔުންތަކާއެކު ބިލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.