އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުން އަންނަ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ ސުވާދިވް ކެފޭ އިން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް 300 މާސްކު ހަދިޔާކޮށްފި އެވެ.
އޭއީއެޗް އިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސުވާދިވް ކެފޭއިން އެ ހޮސްޕިޓަލަށް 300 ސާޖިކަލް މާސްކު ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި މި ދަތި ދަނޑިވަޅުގައި އެފަދަ ކަމެއް ކޮށްދިނީތީ އޭއީއެޗް އިން ވަނީ ސުވާދިވް ކެފޭ އަށް ޝުކުރު އަދާކޮށްފަ އެވެ.
Thank you Suvadive Cafe’ for providing us with 300 surgical masks during these difficult times. We highly appreciate your gesture and support you’ve given us to fight the COVID-19 crisis. #COVID19 #coronavirus @MoHmv @HPA_MV @AdduCityCouncil pic.twitter.com/gGD3bfuGZC
— Addu Equatorial Hospital (@aeh_mv) May 9, 2020
މީގެ އިތުރުން އޭއީއެޗް އިން ބުނީ ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި އެ ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް ސުވާދިވް ކެފޭއިން ފޯރުކޮށްދިން އެހީތެރިކަމާއި އެއްބާރުލުން ބަލައިގަންނަ ކަމަށެވެ.
އައްޑޫ ސިޓީން މިއަދު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭއީއެޗްގައި އެ ބައްޔަށް ފަރުވާދިނުމަށް ބޭނުންވާ ޕީޕީއީ އެކަށީގެންވާ ވަރަށް ނެތް ކަމަށް އެ ހޮސްޕިޓަލުން ވަނީ މިއަދު ބުނެފަ އެވެ.
އެގޮތުން މިއަދު އައްޑޫ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އޭއީއޯސީ) ބޭއްވި ނޫސް ކޮންފަރެންސްގައި އޭީއެޗްގެ މެނޭޖަރ ޝަރަފު ސާދާތު ވިދާޅުވީ ކޮވިޑް-19 ގައި ބޭނުންކުރާނެ ޕީޕީއީގެ ކޮންމެވެސް ވަރެއް އައްޑޫއަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެންމެ ބޭނުންވާ މިންވަރަށް ޕީޕީއީ ނެތް ކަމަށެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހާ އަށް އިއްޔެ އޭއީއެޗްގައި ފަރުވާ ދީފައިވަނީ ޕީޕީއީ ބޭނުން ނުކޮށް ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އޭއީއެޗް އިން މިހެން ބުނެފައިވާއިރު، އެ ހޮސްޕިޓަލަށް މިވަގުތަށް ބޭނުންވާ ހޭންޑް ސެނިޓައިޒާ މިރެއިން މިރެއަށް ހެޕީ މާކެޓުން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ، އަލީ އިހުސާންވެސް ވަނީ ވިދާޅުވެފަ އެވެ.