English Edition
Dhivehi Edition

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން މެދުކަނޑާލާފައިވާ ސްޕެއިނުގެ ފުޓްބޯޅަ ސީޒަން އަލުން ފެށުމުގެ ގޮތުން އެ ގައުމުގެ ދެ ޑިވިޝަނުގެ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ތެރޭގައި، މިހާތަނަށް 5 ކުޅުންތެރިއަކު ޕޮޒިޓިވްވެފައިވާކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެގޮތުން، މިހާތަނަށް ޕޮޒިޓިވްވެފައިވަނީ ސްޕެނިޝް ލަލީގާގައި ކުޅެމުން އަންނަ ތިން ކުޅުންތެރިއަކާއި، ދެވަނަ ޑިވިޝަނުގެ ދެ ކުޅުންތެރިން ކަމަށް ވެސް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާތަނަށް އައިއިރު ސްޕެއިނުގެ ކުޅުންތެރިންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަރާތްތަކުގެ މައުލޫމާތު ރަސްމީ އިދާރާއަކުން ހާމަކޮށްފައިނުވީނަމަވެސް، އެ ގައުމުގެ ބައެއް ހަބަރުތައް ބުނާގޮތުން މި ބައްޔަށް ޕޮޒިޓިވްވި ކުޅުންތެރިންގެ ތެރޭގައި އެތުލެޓިކޯ މެޑްރިޑްގެ ބްރެޒިލް ފުލްބެކް ރެނާން ލޯޑީ ހިމެނެއެވެ. އެ ޓީމުގެ އިތުރު ނުވަ ކުޅުންތެރިއެއްގެ ހަށިގަނޑުގައި އެންޓިބޮޑީސް ހުރިނަމަވެސް ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުން ފަރިތަކުރުންތައް ފެށުމަށް އެއްވެސް ހުރަހެއްނެތެވެ. އެހެންނަމަވެސް، އެ ޓީމުގެ ޑިފެންޑަރު ލޯޑީ އަށް ފަރިތަކުރުންތަކުގައި ބައިވެރިވެވޭނީ ކުރިއަށް އޮތް ދުވަސްތަކުގައި ހެދޭ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުންނެވެ.

އެހެންކަމުން، ކުރިއަށް އޮތް ޖޫން މަހުގައި ސްޕެއިނުގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ކޮވިޑް-19 އަށް ޓެސްޓުކުރެވޭއިރު އިތުރު ކުޅުންތެރިން ޕޮޒިޓިވްވާނަމަ ލީގު ފެށުމަށް ހުރަސްތައް ކުރިމަތިވުމުގެ ފުރުޞަތު އެބައޮތެވެ، ނަމަވެސް، މިހާތަނަށް އައިއިރު ހުރިހާ ކްލަބެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް ޓެސްޓުކުރެވުނު ކަމަށް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއްނުވެއެވެ. އެކަމަކު، އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާގެ އޮސްމާނޭ ޑެމްބެލޭ ފިޔަވާ ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ހެދި ޓެސްޓްތަކުގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޑެމްބެލޭގެ ޓެސްޓު ފަސްކުރެވިފައިވަނީ އޭނާއަށް ލިބިފައިވާ އަނިޔާއިން މުޅިން ރަނގަޅުނުވާތީވެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެމެރިކާ ފިޔަވާ ދެން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ ސްޕެއިނުންނެވެ. އެހެންނަމަވެސް، މިހާރު އެ ގައުމު އާއްމު ހާލަތަކަށް ރުޖޫޢަވުމާ ގާތަށް ޖެހިލާފައިވާއިރު، މިހާތަނަށް އައިއިރު 260,117 މީހުންނަށް ބަލިޖެހިފައިވެއެވެ. އަދި 26,299 މީހުން މި ބަލީގައި މަރުވެފައިވާއިރު، މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ މި ރޯގާ އިން 168,408 މީހުން ވަނީ މުޅީން ރަނގަޅުވެފައެވެ.