English Edition
Dhivehi Edition

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ހަތަރު މިލިއަނަށް އަރައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބަލިއުއެޗްއޯ) އިން ބަލާޢާފާތެއްގޮތުގައި ސިފަކުރާ މި ބަލިމަޑުކަމާއި ގުޅިގެން 275،352 މީހުން މަރުވެފައިވާއިރު، މިހާތަނަށް އައިއިރު މި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 1،375،960 އެވެ.

ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހު އުފަންވި މި ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ގައުމުތަކުގެ ތެރޭގައި، އެމެރިކާ އާއި ސްޕެއިން އަދި އިޓަލީގެ އިތުރުން އިނގިރޭސިވިލާތާއި ރަޝިޔާ ހިމެނެއެވެ.

އެގޮތުން، މިހާތަނަށް އައިއިރު އެމެރިކާ އިން 1،318،504 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 78،492 އެއްހާ މީހުން ވަނީ މަރުވެފައެވެ. ސްޕެއިނުން 260،117 މީހުން ޕޮޒިޓިވްވެ، 26،299 މަރުވެފައިވެއެވެ. އިޓަލީން 217،185 މީހުން ޕޮޒިޓިވްވިއިރު 30،201 މީހުން ވަނީ މަރުވެފައެވެ.

އެމެރިކާ އަށް ފަހު މުޅި ދުނިޔޭން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުގެ 31،241 މީހުން މަރުވެފައިވާއިރު، 211،364 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

މީގެއިތުރުން، މުޅި ދުނިޔޭން މި ބަލި އެންމެ ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ރަޝިޔާ އިން ވެސް 187،859 މީހުން ޕޮޒިޓިވްވެފައިވާއިރު، 1،723 މީހުން ވަނީ މަރުވެފައެވެ. އަދި ވޭތުވެދިޔަ ހަފްތާއެއްހާ ތެރޭގައި އެ ގައުމުގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު އަލަށް ބަލިޖެހޭ މީހުންގެ އަދަދު އުޅެނީ 10 ހާހަށްވުރެ މަތީގައެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ކޮވިޑް-19 ގެ ނުރައްކާ މިހާރު ބޮޑުވެފައިވާއިރު، މިހާތަނަށް އައިއިރު 744 މީހުން މި ބައްޔަށް ޕޮޒިޓިވްވެ، ތިން މީހުން ވަނީ މަރުވެފައެވެ.