ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 700 އަށްވުރެ މައްޗަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 17:00 އާއި ހަމައަށް އިތުރު 86 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 67 މީހުންނާއި، 14 ދިވެހިންނާއި، އިންޑިއާގެ 03 މީހުންނާއި ސްރީ ލަންކާގެ މީހަކާއި ނޭޕާލްގެ މީހެކެވެ.
As of 05:00pm, confirmed an additional 86 cases of COVID-19 infection in Maldives.
Cases:
– 67 Bangladeshi
– 03 Indians
– 14 Maldivians
– 01 Sri Lankan
– 01 NepaliThis includes samples from active surveillance of vulnerable homes.
Total number of cases: 734
— Health Protection Agency (@HPA_MV) May 8, 2020
މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 734 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން 502 ބިދޭސީންނާއި 232 ދިވެހިން ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ޖުމްލަ 413 ބަންގްލަދޭޝް މީހުން ވަނީ އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފަ އެވެ.
އަދި ރާއްޖެއިން މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ފިރިހެނުންކަންވެސް ފާހަގަކޮށްލެވެއެވެ.
ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މާރިޗު 07 ގައި ނަމަވެސް، މާލެ ސަރަޙައްދުން ކޮވިޑް-19 ފެނުނީ މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. މީގެ އިތުރުން ހއ. އުލިގަމާއި، ށ. ނަރުދޫ އާއި ށ. މިލަންދޫ އާއި ހއ. ތަކަންދޫ އަދި މަނަދޫންވެސް ކޮވިޑް-19 ވަނީ ފެނިފައެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، އެޗްޕީއޭ އިން ވަނީ ފުރަބަންދުގެ މުއްދަތު އިތުރު 14 ދުވަހަށް ދަމަހައްޓަން ނިންމައިފަ އެވެ.