English Edition
Dhivehi Edition
ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ބާސެލޯނާގެ ކުޅުންތެރިން ހެދި ޓެސްޓް ނެގެޓިވްވުމުން، ލަލީގާ އަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވާކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިނުގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑް-19 އަށް ޓެސްޓްކުރުމަށްޓަކައި ބުދަ ދުވަހުގެ ވަގުތެއްގައި އެ ކްލަބުގެ ޓްރެއިނިންގ ފެސިލިޓީއަށް ހާޟިރުވެފައެވެ.

އެގޮތުން، މިހާތަނަށް އައިއިރު ބާސެލޯނާގެ ފްރާންސް ފޯވާޑް އޮސްމާނޭ ޑެމްބެލޭ ފިޔަވައި ހުރިހާ ކުޅުންތެރިން މި ބައްޔަށް ޓެސްޓުކޮށް ނެގެޓިވްވެފައިވާއިރު ލަލީގާއިން ވަނީ ފަރިތަކުރުންތައް ފެށުމަށް ފެހި ސިގްނަލްދީފައެވެ. ޑެމްބެލޭގެ ޓެސްޓު ފަސްކުރެވިފައިވަނީ އޭނާއަށް ލިބިފައިވާ އަނިޔާއިން މުޅިން ރަނގަޅުނުވާތީވެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްވުމެއް ނެތި ގިނަ ގައުމުތަކެއްގައި ފެތުރެން ފެށުމާ އެކު ސްޕެއިނުގެ ފުޓްބޯޅަ ސީޒަން މުއްދަތެއް ނެތް ގޮތަށް ފަސް ކުރީ މިދިޔަ މާރިޗު މަހުގެ މެދުތެރޭގައެވެ. ސްޕެނިޝް ލީގު މެދުކަނޑާލިއިރު، ތާވަލްގެ އެއްވަނައިގައި އުޅޭ ބާސެލޯނާ އަށް 27 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ރެއާލް މެޑްރިޑް ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ 47 ޕޮއިންޓާއެކު ސެވިއްޔާ އެވެ. އަދި ހަތަރުވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އަށް ލިބިފައިވަނީ 46 ޕޮއިންޓެވެ.

ސްޕެއިނުގައި މިހާރު ބަލީގެ ކަންތައް ކޮންމެވެސް ވަރަކަށް ރަނގަޅުވަމުން އަންނާތީވެ، ލީގު ފެށުމަށް ތައްޔާރުވަމުން އަންނައިިރު، ދުނިޔޭގެ ބައެއް ގައުމުތަކުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ފަހު ރޯގާގެ ހާލަތު އެންމެ އެކަށީގެންވާ ހަލުވި މިނެއްގައި ރަނގަޅުވަމުން ނުދާތީވެ، ފުޓްބޯޅަ ސީޒަން އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމަށްފަހު، މިހާރު ފްރާންސާއި، ބެލްޖިއަމް އަދި ނެދަލެންޑްސްގެ އިތުރުން އާޖެންޓީނާގެ ފުޓުބޯޅަ ސީޒަން ވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ.

އެހެންނަމަވެސް، ޖަރުމަނާއި، އިޓަލީގެ އިތުރުން އިނގިރޭސިވިލާތުން އަންނަނީ އެ ގައުމުތަކުގެ ފުޓްބޯޅަ ސީޒަން އަލުން ކުރިއަށް ގެންދިއުމަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ކުރިއަށް އޮތް ހަފްތާގައި ޖަރުމަނުގެ ފުޓްބޯޅަ ސީޒަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. ބެލެވޭގޮތުގައި، އިޓަލީ އާއި އިނގިރޭސިވިލާތުގެ ލީގު ވެސް ކުރިއަށް އޮތް ޖޫން މަހުގެ ކުރިން ފެށޭވަރު ވާނެ ކަމަށް އެގައުމުތަކުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިހާރު މުޅި ދުނިޔޭން ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ސްޕެއިނުން 26 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިހާތަނަށް ބަލިޖެހިފައިވާ މީހުންގެ އަދަދަކީ 256,855 އެވެ.