އައްޑޫސިޓީ ގެ ހެރެތެރެ ކަރަންޓީން ފެސިލިޓީން ފިލި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެންމެންގެ ތަހުގީގަށް އެ މީހުން 15 ދުވަހަށް ބަންދު ކުރަން ހުޅުދޫ ކޯޓުން އަންގައިފި އެވެ.
ރަށަށް ނުދެވި މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އައްޑޫއަށް ގެނެވުނު އައްޑުއާއި ފުވައްމުލަކުގެ 92 މީހުން ހެރެތެރެ ކަރަންޓީން ފެސިލިޓީގައި ބައިތިއްބާފައިވަނިކޮށް ބުދަދުވަހު އޭގެ ތެރެއިން 5 މީހަކު ވަނީ ފިލާފައެވެ. ކަރަންޓީނު ފެސިލިޓީން ފިލި ފަސް ފިރިހެނުންގެ ތެރެއިން ތިން މީހަކު ހައްޔަރު ކުރީ ރޭގަ އެވެ. ބާކީ ދެ މީހުން ހައްޔަރުކުރީ ރޭ ފަތިހު އެވެ. ހައްޔަރުކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފުލުހުން އައީ އޭރުން ފެށިގެން އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ފުލުހުން ވިދާޅުވީ ކަރަންޓީނު ފެސިލިޓީގައި ތިބި 5 ފިރިހެނަކު ފިލާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ބުދަ ދުވަހުގެ އިރު އޮއްސުނު ވަގުތުގައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި 5 މީހުންގެ ތެރޭގައި ހިމެނެނީ ފުވައްމުލަކުގެ 2 މީހުންނާއި އައްޑޫ ގެ 3 މީހުންނެވެ.
މިއީ، ކަރަންޓީނު ފެސިލިޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރު ކަމަށްވީ ނަމަވެސް، މިދިޔަ މަހުގެ ކުރީކޮޅު ރިސޯޓްތަކުގައި ތިބޭ މުވައްޒަފުން ރަށްރަށް ނޭރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ މަހުގެ ކުރީކޮޅު އިއުލާންކޮށްފައި ވަނިކޮށް، އައްޑޫސިޓީގެ ސައުތު ޕާމް ރިސޯޓްގެ މުވައްޒަފަކު ފަތާފައި ގޮސް ކައިރީގައި އޮތް މީދު އަށް އެރި މައްސަލައެއްގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް އެ މައްސަލަވެސް ބަލާފައެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީނު ކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ. އެ ބާރުގެ ދަށުން ކަރަންޓީނު ކުރާ މީހުން އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ ޖިނާއީ ދައުވާ ކުރާނެ ކަމުގެ އިންޒާރު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މީގެ ކުރިން ވަނީ ދެއްވައިފައެވެ.