މިހާރު ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން އަދިވެސް 77،000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ޑޮކްޓަރ ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖެ މި ހާލަތުގައި ޕީކަށް ދާ ދުވަހު ރާއްޖޭގެ ހާލަތު އޮންނާނެ ގޮތުގެ ތަފްސީލް ދެއްވަމުން ޑރ.ޝީނާ ވިދާޅުވީ މަހުގެ 15 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް 6804 މީހުންނަށް ބަލި ޖެހޭނެ ކަމަށް ބެލެވޭކަމަށެވެ. މީގެ އިތުރުން ޕީކްގެ ތެރޭގައި 281 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާނެ ކަމަށާއި ޕީކްގައި އައިސީޔޫގައި 101 މީހަކަށް ފަރުވާދޭނެކަމަށް ލަފާކުރެވޭކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ޝީނާ ވިދާޅުވީ މި ބަލީގައި ޖުމްލަ 13،568 މީހުން އެޑްމިޓް ކުރާނެ ކަމަށާއި މި މަހުގެ 31 ވަނަ ދުވަހަކީ ރާއްޖޭގައި އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓީވްވާނެ ދުވަސްކަމުގައި ޑރ.ޝީނާ ވިދާޅުވިއެވެ. މި ގޮތުން ޕީކް ޑޭ ގައި 1،562 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު ޓެސްޓް ކުރެވޭ ކެޕޭސިޓީއަށް ބަލާއިރު އެ ދުވަހު ދެނެގަނެވޭނީ 390 ކޭސް ކަމަށް ލަފާކުރެވޭކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.
އިތުރު ތަފްސީލް ދެއްވަމުން ޑރ.ޝީނާ ވިދާޅުވީ ޕީކްޑޭ ގައި 12 މީހަކު އައިސީޔޫގައި އެޑްމިޓް ކުރާނެ ކަމަށާއި އަދި އެ ދުވަހު ޖުމްލަ 101 މީހަކު އައިސީޔޫގައި ތިބޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި މުޅި އެއްކޮށް ބާލާނަމަ 5600 މީހުންނަށް އައިސީޔޫގައި ފަރުވާދޭނެ ޖެހޭނެ ކަމަށާއި މި ބަލީގައި ރާއްޖެ އިން 700 އަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކުރެވޭކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.