English Edition
Dhivehi Edition
ޔުވެންޓަސްގެ ފޯވާޑް ޕައޮލޯ ޑިބާލާ. --ފޮޓޯ: ގެޓީ އިމޭޖަސް

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ފޯވާޑް ޕައޮލޯ ޑިބާލާ އެ ބަލިން މުޅިން ފަސޭހަވެއްޖެއެވެ.

އުމުރުން 26 އަހަރުގެ ޑިބާލާ އާއި އޭނާގެ ލޯބިވެރިޔާ އޮރިއާނާ ސަބަޓީނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ މާރިޗް މަހުގެ 21 ވަނަ ދުވަހުއެވެ.

މި ބަލީގައި ޑިބާލާ ހަ ވަރަކަށް ހަފްތާ ހޭދަކޮށްފައިވާއިރު، ފުރަތަމަ ދުވަސްކޮޅު އެއްވެސް ވަރަކަށް ބަލީގެ އަލާމާތެއް ފެނިފައިނުވީނަމަވެސް އޭގެފަހުން ބޮލުގައި ރިއްސުން ފަދަ އަލާމާތްތަކުގެ ސަބަބުން ގިނަ އުނދަގޫތައް ތަހައްމަލުކުރަން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

މީގެއިތުރުން، މި މުއްދަތުގެ ތެރޭގައި ބައްޔަށް އޭނާ ޓެސްޓު ހެދި ހަތަރު ފަހަރު ޕޮޒިޓިވްވެފައިވާއިރު، އެންމެފަހުން ހެދި ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާކަން ޑިބާލާގެ އިތުރުން ޔުވެންޓަސް އިން ވަނީ ކަށަވަރުކޮށްދީފައެވެ. މިއާއެކު ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ ވަރަށް އަވަހަށް އެޓީމުގެ ތަމްރީނުތަކުގައި ބައިވެރިވާނެކަން ވެސް ވަނީ ހާމަކޮށްފައެވެ.

ޑީބަލާ އަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޔުވެންޓަސްގެ ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެކުރިން، އެ ޓީމުން މި ބައްޔަށް ޕޮޒިޓިވްވި އިޓަލީގެ ޑިފެންޑަރު ޑެނިއަލީ ރުގާނީ އާއި ފްރާންސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ ވަނީ މުޅިން ރަނގަޅުވެފައެވެ.