އޭއޯ ޗެނަލުން ކޮންމެ ރެއަކު ކުރިއަށް ގެންދާ “ޝެއަރ އެންޑް ވިން” ޕްރޮގްރާމަށް އައްޑޫގެ ރެސްޓޯރެންޓް ތަކުން ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ.
މިއީ ކޮވިޑް 19 އާއި ގުޅިގެން ލޮކްޑައުން ހާލަތުގައި އާންމުންނަށް ތަކެތި ޑެލިވަރީކުރުމުގެ ޚިދުމަތް ދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން އޭއޯ ޗެނަލުން ފެށި ޕްރޮގްރާމެކެވެ. އައްޑޫސިޓީގެ ވިޔަފާރި ތަކަކަށް ޚާއްޞަކޮށްގެން ހުޅުވާލި މި ޕްރޮގްރާމުގައި އަައްޑޫގެ ބޮޑެތި ވިޔަފާރި ތަކުންނާއި އަދި ރެސްޓޯރެންްޓް ތަކުން ބައިވެރިވެފައިވާ އިރު ކުރިއަށް އޮތް 3 ޕްރޮގްރާމު ވެސް ރިޒާރވް ކޮށްފައިވަނީ ރެސްޓޯރެންޓް ތަކުންނެވެ.
“ޝެއަރ އެންޑް ވިން” ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ވިޔަފާރި އަކުން އިޝްތިހާރު ކުރުމަށް ބޭނުންވާ ފޮޓޯ އާއި އެތަނުގެ ޑެލިވަރީ ޚިދުމަތަށް އެދި ގުޅާނެ ނަމްބަރަކާއި ތަނުގެ ނަމާއެކު އޭއޯ ނިއުސް އަށް ފޮޓޯ ނުވަތަ ވީޑިއޯ ޕޯސްޓެއް ފޮނުވަން ޖެހެއެވެ. އަދި އެގޮތަށް ފޮނުވާ ފަރާތްތަކަށް ޕްރޮގްރާމާއި ބެހޭ މައުލޫމާތު ދިނުމަށް ފަހު ކުރިއަށް އޮންނަ ޕްރޮގްރާމަކަށް ރިޒާވް ކޮށްދެއެވެ. އަދި ޕްރޮގްރާމު އޮންނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން އެ ފަރާތުގެ އިޝްތިހާރު އޭއޯ ނިއުސް އަދި އޭއޯ ޗެނަލް ގެ ފޭސްބުކް ޕޭޖްގައި ޕޯސްޓް ކޮށްދެއެވެ. ހަމަ އެއާއެކު ޕޯސްޓް އަޕްލޯޑް ކުރާތާ 6 ގަޑި އިރުގެ ތެރޭގައި އާންމުންނަށް އެ ޕޯސްޓް ޝެއަރ ކުރުމުގެ ފުރުސަތު ހޯދައި ދެއެވެ. އެގޮތުން ފޭސްބުކްގައި ޕޯސްޓް ޝެއަރ ކުރާ ފަރާތްތަކުގެ މެދުގައ ގުރުއަތު ނަގައި ދިމާވާ ފަރާތަކަށް 100 ރުފިޔާ ވަގުތުން ޓްރާންސްފަރ ކޮށްދެއެވެ.
ޝެއަރ އެންޑް ވިން ޕްރޮގްރާމު ކޮންމެ ރެއަކު އޭއޯ ޗެނަލުން ކުރިއަށް ގެންދާއިރު ޕްރޮގްރާމުގައި އެ ވިޔަފާރިއެއް ޕްރޮމޯޓު ކޮށް ވިޔަފާރިއާއި ބެހޭ މައުލޫމާތު އާންމުންނާ ހިއްސާ ކުރުމަށް ފުރުސަތު ދެވެއެވެ. އެގޮތުން އެ ވިޔަފާރިއަކުން ކޮންމެވެސް ބޭފުޅަކު ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ދެއެވެއެވެ. އޭއޯ ޗެނަލުން ކުރިއަށް ގެންދިޔަ 5 ވަނަ ޕްރޮގްރާމުގައި އީކުއޭޓަރ ކުޒިން އިން ވަނީ ބިރިޔާނީ އެއް ތައްޔާރުކޮށްގެން އެތަނުގެ ޝެފާއި އަދި އީކުއޭޓަރ ކުޒިންގެ އިސްފަރާތަކާއެކު އައިސް ޕްރޮގްރާމުގައި ބައިވެރިވެފައެވެ. ރޭގެ މި ޕްރޮގްރާމަށް ފަހު އައްޑޫގެ އެކި ރެސްޓޯރެންޓް ތަކުން ޕްރޮގްރާމަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން ބައިވެރިވާން އެދޭ ހުރިހާ ފަރާތަކަށް ފުރުސަތު ދިނުމަށް އޭއޯ އިން ވަނީ ހަމަޖައްސާފައެވެ.
މި ޕްރޮގްރާމުގައި އެންމެ ފުރަތަމަ ބައިވެރިވެފައިވަނީ ހިތަދޫގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ މަލްޓި ސުޕަމާޓުންނެވެ. މަލްޓި އިން ވަނީ އެތަނުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ މެކެއިން އައިސްކްރީމް ޕްރޮމޯޓް ކޮށްފައެވެ. ދެވަނަ ދުވަހު، ހިތަދޫ އަދި ފޭދޫގައި މުޅިން ތަފާތު ބްރޭޑްތަކާއެކު ވިޔަފާރި ކުރަމުން އަންނަ 3އެސް މާޓްގެ “ޓޮމް މިލްކް” ޔޯގަޓް ޕްރޮމޯޓް ކޮށްފައިވާއިރު އޯލްލިންކްސް އިން ވަނީ ރޯދަމަހަށް އެންމެ ބޭނުންވާ ސާމާނު ކަމަށްވާ ތަރުކާރީ އަދި މޭވާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އިޝްތިހާރު ކޮށްފައެވެ. ހަމަ އެއާއެކު ހިތަދޫގައި މުޅިން އަލަށް ހުޅުވި މަސްމާރުކޭޓުން އެތަނުގެ ބްރޭންޑް ތައް ތައާރަފްކޮށްފައިވާއިރު އެތަނުން ވަނީ ޕްރޮގްރާމުގައި ބައިވެރިކުރުމަށް މީރު ރޯސްޓެޑް ޗިކެން އެއްވެސް ފޮނުވާފައެވެ. ޝެއަރ އެންޑް ވިން ޕްރޮގްރާމުގެ 5 ވަނަ ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ އީކުއޭޓަރ ކުޒިން އިންނެވެ.
މިހާތަނަށް ޝެއަރ އެންޑް ވިންގެ ލަކީ ޑްރޯ ކާމިޔާބު ކުރި ފަރާތްތައް
މަލްޓި ސުޕަރމާޓްގެ މެކެއިން އައިސްކްރީމް ޝެއަރ ކޮށްގެން – ފާތިމަތު މުޙައްމަދު
3 އެސްގެ ޓޮމް މިލްކް ޔޯގަޓް ޝެއަރ ކޮށްގެން- އާންތު ނިސް
އޯލް ލިންކްސް ގެ ތަރުކާރީ އަދި މޭވާ ޝެއަރ ކޮށްގެން – ފާތިމަތު ޒުބައިރު
ހިތަދޫ މަސް މާރުކޭޓްގެ ޕްރޮޑަކްޓްސް ޝެއަރ ކޮށްގެން – އައްޒާމް
އީކުއޭޓަރ ކުޒިންގެ ބިރިޔާނި ޝެއަރ ކޮށްގެން- ޙުސެއިން ޖިނާޙް
މި ފަރާތްތަކަށް ވަނީ ޕްރޮގްރާމު ނިމުމާއެކު ހަދިޔާގެ ގޮތުގައި 100ރުފިޔާ ޓްރާންސްފަރ ކޮށްދީފައެވެ.
ރަމަޟާން މަހުގެ ކޮންމެ ރެއަކަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫސިޓީގެ އިތުރުން ރާއްޖޭގެ ކޮންމެ ވިޔަފާރިއަކަށް ލިބިގެންދާނެއެވެ.
އޭއޯ ޗެނަލަކީ އޭއޯ ނިއުސްގެ ފަރާތުން އައްޑޫސިޓީގައި ކުރިއަށް ގެންދާ ސޯޝަލް މީޑިއާ ޗެނަލެކެވެ.