English Edition
Dhivehi Edition

އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން އުގެއިލް ފައުންޑޭޝަނުން ފަރުމާކޮށްފައިވާ ޚާއްސަ ޑެލިވަރީ ސިސްޓަމެއް ކަމަށްވާ ‘ލިންކިޓް’، އައްޑޫ ސިޓީ އަށް ތަޢާރަފްކޮށްފި އެވެ.

އުގެއިލް ފައުންޑޭޝަނުން މިއަދު ބުނީ ލިންކިޓް އަކީ ކޮވިޑް-19ގެ މި ދަނޑިވަޅުގައި ޑެލިވަރީގެ ޚިދުމަތް ފަސޭހަ އަދި ހަލުވިކަމާއެކު ދިނުމަށް ވައިބާ މެދުވެރިކޮށް މުޅިން ހިލޭ ބޭނުންކުރެވޭ ޕްލެޓްފޯމެއް ކަމަށެވެ.

އައްޑޫ ސިޓީގެ އިތުރުން މި ޕްލެޓްފޯމް ގއ. ވިލިނގިލި އާއި ޅ. ހިންނަވަރުގެ އިތުރުން ހުޅުމާލޭގައިވެސް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައި ވަނީ އުގެއިލް ފައުންޑޭޝަނާއި ގުޅިގެން މި ޕްލެޓްފޯމް ތަޢާރަފްކުރުމުގެ މަޤްޞަސަކީ ކޮވިޑް-19ގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އައްޑޫ ސިޓީ ލޮކްޑައުން ހާލަތަށް ގެނެސްފައިވާތީ އާންމު ރައްޔިތުންނަށް ކާބޯތަކެތި އަދި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ޑެލިވަރީ ހުއްދަ ދޫކުރެވިފައިވާ ހުރިހާ ވިޔަފާރިތަކަށް މި ސިސްޓަމް މެދުވެރިކޮށް ޚިދުމަތް ދިނުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މި ޕްލެޓްފޯމް އައްޑޫ ސިޓީގައި އިފްތިތާޙްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އެވެ.