‘3އެސް ސްޕަރމާރޓް’ގެ ފޭދޫ ފިހާރައިން އާއްމުކޮށް ހުޅުވައިގެން ޚިދުމަތްދެމުން ނުދާ ކަމަށް އެ ފިހާރަ ހިންގާ 3އެސް ޕްރައިވެޓް ލިމިޓެޑްގެ ވެރިފަރާތް ކަމަށްވާ ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.
ހުސައިން މިރޭ ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެ ފިހާރައިން އާންމުކޮށް ކަސްޓަމަރުންނަށް ހުޅުވާލައިގެން ޚިދުމަތްދެމުންގެންދާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. ހުސައިން ވިދާޅުވީ މި ދަތި ދަނޑިވަޅުގައިވެސް އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ކަސްޓަމަރުންގެ ޚިދުމަތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން އައީ އިތުރު 08 މުވައްޒަފުންނާއެކު 05 ވެހިކަލް ބޭނުންކޮށްގެން ޑެލިވަރީގެ ޚިދުމަތް ދެމުން ކަމަށެވެ.
“ތެދު ތެދަށް ބުންޏާމު އަޅުގަނޑުމެން ވިޔާފަރިކުރަމުން މިދަނީ މިވަގުތު ގެއްލުމެއްގައި. އަޅުގަނޑުމެންނަށް ކޮންމެވެސް ހިސާބަކުން މިސްޓޭކެއް ހެދުނީ ކަމަށް ވެދާނެ. އަޅުގަނޑުމެން އެކަމަށް މަޢާފަށް އެދެން އަދި ދެން އެފަދަ ކަމެއް ނުކުރުމަށް މަސައްކަތް ކުރާނަން. މާދަމާވެސް 5000ރ. ދޭން މިތިބީ ތައްޔާރަށް”، ހުސައިން ވިދާޅުވި އެވެ.
ހުސައިން މިހެން ވިދާޅުވިއިރު، އައްޑޫ ސިޓީ ކައުންސިލުން މިރޭ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އައްޑޫގައި އާންމު ވިޔަފާރީގެ ޚިދުމަތް ދިނުން މަނާކޮށް އެ އިދާރާއިން ކުރި އިޢުލާނާއި ޚިލާފަށް “ތްރީއެސް ސްޕަރމާރޓް” ފޭދޫ ފިހާރަ އާއްމުކޮށް ހުޅުވައިގެން އަދި ޓޭކްއަވޭގެ ގޮތުގައި އެ ފިހާރައިން ޚިދުމަތްދެމުންގެންދާ ކަމަށާއި، އެކަން އިޞްލާޙްކުރުމަށް ތަކުރާރުކޮށް އެންގުމުންވެސް އެކަން އިސްލާޙްކޮށްފައިނުވާތީ، ޤާނޫނުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން 5،000ރ. އިން “3އެސް ޕްރައިވެޓް ލިމިޓެޑް” ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.