English Edition
Dhivehi Edition

އޭއޯ ނިއުސް ގެ ފުވައްމުލައް ބިއުރޯ ހުޅުވައި ނޫސްވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް އޭއޯގެ ފަރާތުން ފުވައްމުލައް ސިޓީގައި ފަށައިފިއެވެ.

18 ބައިވެރިންނާއެކު ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯސް އިއްޔެ ފަށާފައިވާއިރު ބިއުރޯ ރަސްމީކޮށް ހުޅުވާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ، ކޯސް ފެށުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އޭއޯގެ 9 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އޭއޯ ޗެނަލްގެ ނަމުގައި ފަށާފައިވާ މިޗެނަލަކީ ދެކުނުގެ ބަސް ދިރުވައި އާލާ ކުރުމުގެ މަގްޞަދުގައި ދެކުނުގެ 4 އަތޮޅަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ޗެނަލެކެވެ. އެގޮތުން އެޕްރީލް 20 ވަނަ ދުވަހުން ފެށިގެން އައްޑޫ ބަހުން ޚަބަރު ކިޔުމާއި އަދި ތަފާތު އެކި ޕްރޮގްރާމުތައް އައްޑޫބަހުން ހުށަހަޅަމުން އަންނައިރު ފުވައްމުލައް ބިއުރޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ފުވައްމުލަކުގެ ބަހުރުވައިން ޚަބަރުތަކުގެ ސުރުޚީ އާއެކު ފެށުމެއް ހުށަހަޅާދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭއޯގެ ސީއީއޯ ޝިމްލާ އަޙްމަދު ވިދާޅުވީ އޭއޯ ޗެނަލަކީ ދެކުނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ދެކުނުގެ ޓީވީ ޗެނަލެއްގެ ފެށުން ކަމަށާއި ފުވައްމުލަކު ބިއުރޯ އަކީ މަސައްކަތުގައި އެޅުނު ދެވަނަ ފިޔަވަޅު ކަމަށެވެ.

“އަޅުގަނޑުމެންގެ މި މަސައްކަތަކީ ދެކުނުގެ ހަތަރު އަތޮޅުގެ ބަހާއި ސަގާފަތާއި އަދި ތާރީޚު ދިރުވައި އާލާކޮށް ޒުވާނުންގެ ހިތުގައި އެކަމަށް ލޯބިޖެއްސުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކެއް. އެގޮތުން އެންމެ ފުރަތަމަ އައްޑޫސިޓީގައި މަސައްކަތް ފަށައި ކާމިޔާބު ކަމާއެކު ކުރިއަށް ދާއިރު ފުވައްމުލައް ސިޓީގައި ހުޅުވުނު ބިއުރޯ އާއެކު ފުވައްމުލަކުގައި މިވަނީ މަސައްކަތް ފެށިފައި. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ގދ. އަދި ގއ ގައި އަޅުގަނޑުމެންގެ މަސައްކަތް ފަށާނަން” ޝިމްލާ ވިދާޅުވިއެވެ.

ފުވައްމުލަކުގައި އޭއޯ ޗެނަލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ނޫސްވެރިން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު އެ ސިޓީގައި ވަނީ އޭއޯގެ ސްޓޭޝަނެއް ގާއިމުކޮށް ތަމްރީނު ކުރާ ޓީމުގެ ބައިވެރިންނާއެކު ފުވައްމުލަކު ބަހުން ގިނަ ޕްރޮގްރާމްތަކެއް ތައްޔާރުކުރުމަށް ފަށާފައެވެ.

” މި މަސައްކަތުގައި އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަމިއްލަ ރަށުގެ ބަހުން ޚަބަރު ކިޔުމަށް ކުދިން ފަރިތަ ނުވުން. އަދި މިފަދަ މަސައްކަތެއް ކުރާއިރު އަމިއްލަ ބަހުރުވައިން ފަސޭހަކަމާއެކު ކުށެއް ނެތި ލިޔާނެ މީހުން މަދުކަން. އެހެންކަމުން އެކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ޒުވާނުން ތަމްރީނު ކުރަން މި ޖެހެނީ. އެންމެ ފުރަތަމަ އައްޑޫގައި މި މަސައްކަތް ފެށި އިރު މި އުނދަގޫތައް ހުރި. އެކަމަކު މަސައްކަތް ފެށިތާ 5 މަސް ހަމަވިއިރު ގިނަ ކުދިންތަކަކަށް ތަމްރީނު ދީގެން މި މަސައްކަތަށް މިވަނީ އަހުލުވެރި ކުރުވާފައި،” ޝިމްލާ ވިދާޅުވިއެވެ.

އޭއޯ އިން ފުވައްމުލަކުގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ކުރިއަށް ގެންދަނީ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން (ސްކީމް) ގެ ފުވައްމުލަކު ޗެޕްޓާރ އާއި ގުޅިގެންނެވެ. އަދި މި ޕްރޮގްރާމުން އެންމެ މޮޅު ބައިވެރިއަކަށް ރާއްޖެއިން ބޭރުން ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ނޫސްވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމާއެކު އޭއޯ ނިއުސް އަދި ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އިން ފުވައްމުލަކުގައި ވަނީ ޗައިނާ ބަސް ދަސްކޮށްދޭ ކޯހެއްވެސް ފަށާފައެވެ. މި ކޯހުގައި ފުވައްމުލަކުގެ 50 ޒުވާނުން ވަނީ ބައިވެރިވެފައެވެ.