އައްޑޫސިޓީ ގެ ހެރެތެރެ ކަރަންޓީން ފެސިލިޓީން ފިލި އެންމެން ހޯދައި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ރަށަށް ނުދެވި މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އިއްޔެ ގެނެވުނު އައްޑުއާއި ފުވައްމުލަކުގެ 92 މީހުން ހެރެތެރެ ކަރަންޓީން ފެސިލިޓީގައި ބައިތިއްބާފައިވަނިކޮށް ބުދަދުވަހު އޭގެ ތެރެއިން 5 މީހަކު ވަނީ ފިލާފައެވެ.
މި ފަސް މީހުންގެ ތެރެއިން ރޭ 3 މީހަކު ހޯދާފައިވާ އިރު ބާކީ ތިބި 2 މީހުން ރޭ ފަތިހު ވަނީ ހޯދާފައި ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ކަރަންޓީނު ފެސިލިޓީގައި ތިބި 5 ފިރިހެނަކު ފިލާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ބުދަ ދުވަހުގެ އިރު އޮއްސުނު ވަގުތުގައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި 5 މީހުންގެ ތެރޭގައި ހިމެނެނީ ފުވައްމުލަކުގެ 2 މީހުންނާއި އައްޑޫ ގެ 3 މީހުންނެވެ.
ކޮވިޑް 19 އާއިގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި މާލެއިން އަންނަ މީހުން ދަނީ ހޯމް އައިސޮލޭޝަނަށް ނުވަތަ ކަރަންޓީން ފެސިލިޓީ ތަކުގައި ޢާއްމުންނާ އެކަހެރިކޮށް ބައިތިއްބައިގެން ކަރަންޓީން ގެ މުއްދަތު ހަމަކުރަމުންނެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީނު ކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ. އެ ބާރުގެ ދަށުން ކަރަންޓީނު ކުރާ މީހުން އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ ޖިނާއީ ދައުވާ ކުރާނެ ކަމުގެ އިންޒާރު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މީގެ ކުރިން ވަނީ ދެއްވައިފައެވެ.