English Edition
Dhivehi Edition
11 އޭޕްރީލް 2020 ވަނަ ދުވަހު އެއާޕޯޓުން ކަރަންޓީނު ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި މެރިން ޕޮލިސްގެ އޮފިސަރުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ރާއްޖެއިން އިތުރު 44 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ 34 މީހުންނާއި، 08 ދިވެހިންނާއި އިންޑިއާގެ 02 މީހެކެވެ.

މީގެ ކުރިންވެސް މިއަދު ބަންގްލަދޭޝްގެ ރައްޔިތަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ މިހާތަނަށް 45 މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 618 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން 405 ބިދޭސީންނާއި 213 ދިވެހިން ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ޖުމްލަ 324 ބަންގްލަދޭޝް މީހުން ވަނީ އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފަ އެވެ.

އަދި ރާއްޖެއިން މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ފިރިހެނުންކަންވެސް ފާހަގަކޮށްލެވެއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މާރިޗު 07 ގައި ނަމަވެސް، މާލެ ސަރަޙައްދުން ކޮވިޑް-19 ފެނުނީ މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. މީގެ އިތުރުން ހއ. އުލިގަމާއި، ށ. ނަރުދޫ އާއި ށ. މިލަންދޫ އާއި ހއ. ތަކަންދޫ އަދި މަނަދޫންވެސް ކޮވިޑް-19 ވަނީ ފެނިފައެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، އެޗްޕީއޭ އިން ވަނީ ފުރަބަންދުގެ މުއްދަތު އިތުރު 14 ދުވަހަށް ދަމަހައްޓަން ނިންމައިފަ އެވެ.