English Edition
Dhivehi Edition

ރާއްޖޭގައި ކޮވިޑް-19 ގެ ސަބަބުން ހާލުގައި ޖެހޭ މީހުންނަށް އެހީވުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ބިލް، މަޖިލިހުގެ ގަވައިދަށް ނުފެތޭ ކަމަށް ވިދާޅުވެ އެޖެންޑާނުކޮށް މިއަދު ދޫކޮށްލައިފިއެވެ.

“ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލް” ނަމުގައި ސައީދު ހުށަހެޅުއްވި ބިލްގައި ހިމާނާފައިވާ ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ބިމު ކުއްޔަށް ތާވަލެއް އެކަށައެޅުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ވަޒީފާ ގެއްލުނު އެތައް ހާސް މުވައްޒަފުންގެ ވަޒީފާ ޔަގީންކުރުން ހިމެނެއެވެ. މީގެ އިތުރުން ޕެންޝަން ފަންޑުގެ ހައްގުވެރިންނަށް ފައިސާ ދޫކުރުމާއި ގޭ ކުއްޔަށް ލުއި ދިނުމާއި ސްޓޫޑަންޓް ލޯން ފަސް ކުރުންވެސް ހިމެނެއެވެ، މީގެއިތުރުން ކުދި ވިޔަފާރިތަކުގެ ޓެކްސް ފައިލްކުރުމުގައި ލުއި ގޮތްތަކެއް ހޯދުމާއި ދަނޑުވެރިންނާއި މަސްވެރިންނަށް ލުއި ގޮތްތަކެއް ހޯދައިދެވޭނެގޮތްތަކެއްވެސް މި ބިލްގައި ވަނީ ހިމަނާފައެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ބިލްގައި ދައުލަތުގެ އާމްދަނީ އާއި ހަރަދާއި މާލިއްޔަތައް އަސަރު ކުރާނެ ސީދާ ކަންކަން ހިމަނާފައިވާކަމަށާއި އެހެންކަމުން މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އެ ބިލު އެޖެންޑާ ކުރެވެން ނެތް ކަމަށެވެ. މީގެ އިތުރުން ނަޝީދު ވަނީ މި ބިލު އަލުން ބައްލަވާއި، ބިލުގައި ހިމަނާފައިވާ ދައުލަތުގެ ބަޖެޓާ ގުޅުންހުރި ކަންކަން ރަނގަޅު ކުރެއްވުމަށް ފަހު އަލުން ހުށަހެޅުއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

ބިލް އެޖެންޑާ ނުކުރި މައްސަލައިގައި ސައީދު ނިޒާމީ މައްސަލަ ނަންގަވައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު ނަޝީދު ވިދާޅުވީ ބިލް ރަނގަޅުކުރުމަށްފަހު އަލުން ފޮނުއްވުމުގައި ސައީދަށް އެހީތެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ބިލާއި ގުޅިގެން މަޝްވަރާ ކުރުމަށް މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންގެ ބައްދަލުވުމެއް ހަމަޖައްސަވާނެކަމަށްވެސް ނަޝީދުވަނީ ވިދާޅުވެފައެވެ.