ރާއްޖޭގެ ތަރައްގީގެ އެކި ދާއިރާތަކަށް އެހީ ފޯރުކޮށްދިނުމާ ގުޅޭގޮތުން އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކް އޮފް ޗައިނާގެ މެނޭޖުމަންޓާއިއެކު މަޝްވަރާކޮށްފިއެވެ.
އިނޮކޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ކޮމާޝަލް ބޭންކް އޮފް ޗައިނާގެ މެނޭޖުމަންޓާއިއެކު ބޭއްވި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެއްބަސްވެވަޑައިގެންނެވި ކަންތައްތައް ތަންފީޒުކުރުމަށް ޗައިނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިވަގުތު ހުންނެވީ ޗައިނާގަ އެވެ. އޭނާ ވަނީ އިއްޔެ ޗައިނާގެ ކޮމާސް މިނިސްޓަރު ވަންގް ވެންޓާއޯއާވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުން އޮތީ ބެއިޖިންގައި ޖޫން 25 އިން 27 އަށް ކުރިއަށްދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގަ އެވެ.
ޔުއާން އަދި ރުފިޔާއިން ރާއްޖެ އާއި ޗައިނާއާ ދެމެދު ވިޔަފާރި ކުރެވޭ ގޮތަށް ކަރަންސީ ސެޓްލްމަންޓު އެއްބަސްވުމެއް ގާއިމުކުރުމަށް ވެސް އިއްޔެ ވަނީ ދެ ގައުމުގެ މެދުގައި މަޝްވަރާކޮށްފަ އެވެ.
މި ބައްދަލުވުމުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރަން ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ވީ އެންމެ އަވަހަކަށް ފުރިހަމަ ކުރުމަށާއި، ރާއްޖެ އާއި ޗައިނާއާ ދެމެދު ފަސޭހައިން ވިޔަފާރި ކުރެވޭނެ ގޮތަށް، ކަރަންސީ ސެޓްލްމަންޓު ނިޒާމެއް ގާއިމުކުރުމަށް މަޝްވަރާ ކުރެވިފައިވާނެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސް ވަފުދެއް ޖެނުއަރީގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުގައި، އެ ގައުމާ އެކު 20 އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އޭގެ ތެރޭގައި ވިޔަފާރީގެ ގުޅުން ހަރުދަނާ ކުރުމުގެ އެއްބަސްވުންތައް ހިމެނެ އެވެ.
ރައީސްގެ ދަތުރުފުޅަށްފަހު ޗައިނާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހަމަޖެހުނު 920 މިލިޔަން ޔުއާން ( ގާތްގަނޑަކަށް 130 މިލިޔަން ޑޮލަރު) ދޭނީ ސަރުކާރުން ކަނޑައަޅާ މަޝްރޫއުތަކަކަށް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެ އެހީގެ ބޮޑުބައެއް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގުތައް ހެދުމަށެވެ.
އޭގެ އިތުރުން ރަސްމާލޭގައި 30،000 ސޯޝަލް ހައުސިން ޔުނިޓް އެޅުމާއި ވެލާނާ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއާއި ހުޅުމާލޭ ފޭސް 2 ގެ އާބަން އައިލްގައި ކޮމާޝަލް ސްޕައިންގެ ނަމުގައި ހަތް އިމާރާތް އެޅުން ހިމެނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ޗައިނާއާއެކު މިފަހަރު ސޮއިކުރީ ހަތަރު އެއްބަސްވުމެއްގަ އެވެ. މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ސައީދު އެވެ. އިއްޔެ ބޭއްވި ބައްދަލުވުމުގެ އިތުރު ތަފުސީލު ހާމަ ކޮށްފައި ނުވިނަމަވެސް، މި ދުވަސްވަރު ސަރުކާރުން ދަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި އާމްދަނީ އާއި ހިލޭ އެހީ ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.