ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމުގެ މަސައްކަތް އެ ޤައުމުގެ ސަރުކާރުން ފަށައިފި އެވެ.
އިންޑިއާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޭރު ޤައުމުތަކުގައި މަޖުބޫރު ހާލަތްތަކުގައި ތާށިވެފައި ތިބި އެޤައުމުގެ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ދަތުރުތައް ހަމަޖައްސާނީ ވައިގެ މަގުންނާއި ކަނޑުމަގުން ނަމަ ނޭވީގެ އުޅަނދުފަހަރުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެ ދަތުރުތައް ހަމަޖައްސައިދެވޭނީ އަނބުރާ އަންނަން ބޭނުންވާ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައި ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވާ ގޮތުން ދަތުރު ފެށުމުގެ ކުރިން ހުރިހާ ފަރާތްތަކުގެވެސް މެޑިކަލް ސްކްރީނިންއެއް ކުރެވޭނެ އެވެ. އަދި ދަތުރުކުރުމުގެ ހުއްދަ ދެވޭނީ ބަލީގެ އަލާމާތްތައް ނެތް ފަރާތްތަކަށް އެކަންޏެވެ.
މީގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންވެސް އަންނަ ހުކުރު ދުވަހުން ފެށިގެން އެޤައުމަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފުރަތަމަ ފިޔަވަހި މެއި 08 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ފުރަތަމަ ފިޔަވަހީގައި ގެންދާނީ 700 މީހުން ކަމަށާއި، އެމީހުން ދަތުރުކުރާނީ އިންޑިއާގެ ނޭވީގެ ކަނޑު އުޅަނދެއްގައި ކޮޗިން އަށް ކަމަށްވެސް ހައި ކޮމިޝަނުން ބުނެއެވެ.
?Repatriation of Indians in Maldives!
*1st phase begins on 8 May from Malé to Kochi by Indian Naval ship
*1st lot to include 700
*HCI is reaching out to Indians who wish to travel on Compelling Grounds (medical emergencies,pregnancy,stranded tourists,job-lost migrant workers)— India in Maldives (@HCIMaldives) May 4, 2020
މީގެ އިތުރުން ހައި ކޮމިޝަނުން ދަނީ މިހާރު މަޖުބޫރު ހާލަތްތަކުގައި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުންގެ މަޢުލޫމާތު ހޯދަމުންނެވެ. އެގޮތުން މެޑިކަލް އިމަރޖެންސީތަކަށާއި، މާބަނޑު އަންހެނުންނަށާއި، ތާށިވެފައި ތިބި ފަތުރުވެރިންގެ އިތުރުން ވަޒީފާ ގެއްލިފައި ތިބި މީހުންނަށް އިސްކަންދެވޭނެ ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 551 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި އިންޑިއާގެ 52 މީހަކުވެސް ހިމެނެއެވެ. ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުންވެސް ވަނީ އިންޑިއާގައި ތާށިވެފައި ތިބި ބައެއް ދިވެހިން ރާއްޖެ ގެނެސްފައެވެ.